15 Nov 2016, 13:29
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ދެ ޕާޓީއަކުން ޖުމްލަ ތިން ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ޕީޕީއެމްގެ ފަރާތުން ދެ މެމްބަރަކު ދެ ހުށަހެޅުން ހުށަހެޅުއްވި އިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅީ އެއް ހުށަހެޅުމެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވީ، އަންނަ އަހަރު އެ ޑިޕާޓްމެންޓަށް ކަނޑައަޅާފައިވާ ބަޖެޓަށް 100 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި އެ ޑިޕާޓްމެންޓުގެ އިސް ފަރާތްތައް ހާޒިރު ކުރުމަށް ފަހު އެެބޭފުޅުންގެ ވާހަކަތައް އަޑުއެހުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަތަރު ބޭފުޅުން ކަމަށްވާތީ ހުށަހެޅުން ފާސް ނުވެ އެވެ.
ޕީޕީއެމްގެ ފަރާތުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ ބަޖެޓު ކޮމެޓީގެ ނުރަސްމީ ސިއްރު ބައްދަލުވުމަކަށް ޑީޖޭއޭ ހާޒިރު ކުރުމަށް ފަހު އެބޭފުޅުންގެ ކަންބޮޑުވުންތައް ބެލުމަށް ފަހު ފިނޭންސް މިނިސްޓަރާ ބައްދަލު ކުރެއްވުމަށެވެ.
މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވީ ބަޖެޓުގައި އޮތް ގޮތަށް ނިންމުމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޑީޖޭއޭ އަށް ހިމަނާފައި ވަނީ 367 މިލިއަން ރުފިޔާ އެވެ.
މެމްބަރު ރިޔާޒާއި، މެމްބަރު އަސްމާގެ ހުށަހެޅުއްވުމަށް ވޯޓު ލިބުނީ އެއްވަރަކަށެވެ. ކޮމިޓީގެ ރިޔާސަތުން ވޯޓަށް އެހުމުން އެ ދެ ހުށަހެޅުމަށް ވެސް ލިބުނީ ހަ ވޯޓެވެ. އެހެން ކަމުން ކޮމިޓީގެ ރިޔާސަތުން، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނުގެ ވޯޓާ އެކު ފާސްވެގެން ދިޔައީ އަސްމާގެ ހުށަހެޅުއްވުމެވެ.
ޑީޖޭއޭއިން އިއްޔެ ބުނެފައި ވަނީ ންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު ކޯޓުތަކުގައި މަސައްކަތްކުރައްވަމުންގެންދަވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވެސް ހަމަޖެއްސޭ ވަރުގެ ބަޖެޓެއް ނޫންކަމަށެވެ.
ނިމި ދިޔަ 2015 ވަނަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ވެސް ޑީޖޭއޭގެ ބަޖެޓުގެ ގޮތުގައި ހިމަނާފައި ވަނީ 475 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓުން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ އުނިކޮށްފަ އެވެ.