އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދު 42 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ރިކަރަންޓް ހަރަދާއި ލޯނަށް ދެއްކުމަށް ފަހު ތަރައްގީގެ މަޝްރޫތަކަށް ހަރަދުކުރާނެ ފައިސާއެއް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ނެތް ކަމަށެވެ.

"ދެހާސް ސޯޅަ ވަނަ އަހަރު ނިމޭއިރުގައި [ދަރަނި] 37 ބިލިއަން ރުފިޔާއަށް އަރާއިރުގައި 2017 ވަނަ އަހަރު އަޅުގަނޑު އަންދާޒާ ކުރާ ގޮތުން ދައުލަތުގެ މުޅި ދަރަނީގެ ޖުމްލަ 44 ބިލިއަން ރުފިޔާއަށް އަރާނެ. ރައީސް ޔާމީގެ ވެރިކަން ނިމޭއިރުގައި 47 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އަރާނެ. މާނައަކީ ދައުލަތުގެ ދަރަނި ރައީސް ޔާމީންގެ ފަސް އަހަރު ތެރޭގައި ދެ ގުނަވެގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖުން ދައްކާ ގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 36 ބިލިއަނަށް އަރާނެ އެވެ. އަދި އަންނަ އަހަރު 42 ބިލިއަނަށް އެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައި އިރު ދައުލަތުގެ ދަރަނި އޮތީ 10 ބިލިއަންގައި ކަމަށެވެ. އަދި މިއަދުގެ ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ވެރިކަން ނިމުނު އިރު 26 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތް ކަމަށް ވިދާޅުވި ވާހަކައަކީ ދޮގެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޑރ. ވަހީދުގެ ދެ އަހަރު ދުވަހުގެ ދަރަންޏާ އެކީގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، 26 ބިލިއަން ރުފިޔާގެ ދަރަނި އޮވެދާނެ ކަމަށާއި އެއީ އެމްޑީޕީއާ ބެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުރިކަމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ޓެކްސްގެ ނިޒާމު ތައާރަފް ކުރީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ވެރިކަމުގައި ދައުލަތަށް ލިބުނު އާމްދަނީ ތިން ގުނަ ވެގެންދިޔަ. ހަ ބިލިއަން ރުފިޔާ އޭރު އަހަރަކު ލިބެނީ. ނަމަވެސް އަޅުގަނޑުމެންގެ ވެރިކަން ނިމުނު އިރު އެ އަދަދު 12 ބިލިއަނަށް ހެދިން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރު ދެމި މި އޮތީ އެމްޑީޕީގެ ސަރުކާރުގައި އެ ޓެކްސްގެ ނިޒާމު ތައާރަފްކޮށްފައި ވާތީ ކަމަށެވެ.

އިބޫ ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރަން ކުރާ މަސައްކަތެއް އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކުން ނުފެންނަ ކަމަށެވެ.