15 Nov 2016, 13:42
ވާސޯ (ނޮވެމްބަރު 15): ޕޮލެންޑުގެ ކުރީގެ ރައީސް ލެކް ކަޗިންސްކީ އާއި އިތުރު 95 މީހަކު ދަތުރު ކުރަމުންދިޔަ ފްލައިޓް ވެއްޓި، ބޯޓުގައި ތިބި އެންމެން މަރުވި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފަސްދާނުލާފައިވާ އެ ގައުމުގެ ރައީސްގެ ހަށިކޮޅު ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
ކަޗިންސްކީ އާއި އަނބިކަނބަލުން މާރިއާ ދަތުރު ކުރަމުން ދިޔަ ފްލައިޓް ރަޝިއާގެ ސްމޮލެންސްކްއަށް ވެއްޓުނީ 10 އޭޕްރިލް 2010ގަ އެވެ.
ޕޮލެންޑުގެ ޕްރޮސިކިއުޓަރުން ބުނި ގޮތުގައި ޕޮލެންޑުގައި ފަސްދާނުލާފައިވާ ކަޗިންސްކީ އާއި އޭނާ އަނބިކަނބަލުންގެ ހަށިކޮޅު ނަގަން ނިންމާފައި ވަނީ ރަޝިއާގައި ކުރިއަށް ގެންދިޔަ އޮޓޮސްޕީތަކުގައި ހަމަނުޖެހޭ ކަންތަކެއް ހުރުމުން، ފަސްދާނުލާފައި ވަނީ ރައީސް އާއި އަނބިކަނބަލުންގެ ހަށިކޮޅުތޯ ޔަގީން ކުރުމަށްޓަކަ އެވެ.
އަދި ފޮރެންސިކް ޓެސްޓުތައް ހެދުމުން ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބާ ގުޅުން ހުރި އާ ހެކިތަކެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓަރުން ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ހަށިތައް ކޮނެގެން ނަގާނެ ކަމަށް ޕްރޮސިކިއުޓަރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ ހާދިސާގައި މަރުވި 17 މީހެއްގެ އާއިލާއިން ވަނީ ގަބުރުތައް ނެގުމާ ދެކޮޅު ކަމަށް ބުނެފަ އެވެ.
ރައީސް ކަޗިންސްކީ އާއި ގިނަ އަދަދެއްގެ ސްޓޭޓު އަދި އަސްކަރީ އޮފިޝަލުން ދަތުރު ކުރަމުން ދިޔަ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ރަޝިއާ އާއި ޕޮލެންޑުން ކުރިއަށް ގެންދިޔަ ތަހުގީގުން ދެއްކި ގޮތުގައި ހާދިސާ ހިނގީ ޕައިލެޓު އަމަލު ކުރި ގޮތުގެ ސަބަބުންނެވެ.
ދެ ގައުމުގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން ފްލައިޓް ވެއްޓުނީ ދުންފިނި ބޮޑުވެފައިވާ ވަގުތެއްގައި އެއާޕޯޓުގެ ރަންވޭ ފެނޭތޯ ބަލަން ޕައިލެޓުން މާތިރިން، މާ ބާރު ސްޕީޑުގައި ދުއްވުމުންނެވެ.
ނަމަވެސް ރައީސް ކަޗިންސީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕޮލެންޑުގެ ޑިފެންސް މިނިސްޓަރު އެންތޮނީ މާސިއާވިޗް ވަނީ އެހާދިސާގެ އާތަހުގީގެއް މިއަހަރުގެ ފެބްރުއަރީ މަހު ފައްޓަވާފަ އެވެ. (ބީބީސީ)