15 Nov 2016, 12:22
މޮސްކޯ (ނޮވެމްބަރު 15): ދެ މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގައި ރަޝިއާގެ އިކޮނޮމިކް މިނިސްޓަރު އެލެކްޒީ އުލްޔުކަޔެވް ހައްޔަރުކޮށްފި އެވެ.
ރަޝިއާގެ މައި އެންޓި ކޮރަޕްޝަން ބޮޑީ، އިންވެސްޓިގޭޓިވް ކޮމިޓީން ބުނި ގޮތުގައި ބޮޑު ތެޔޮ ކުންފުންޏެއް ކަމަށްވާ ރޮސްނެފްޓުން ހެދި އެއްބަސްވުމަކާ ގުޅިގެން އުލްޔުކަޔެވް އަށް ވަނީ ދެ މިލިއަން ޑޮލަރުގެ ފައިސާ ދީފަ އެވެ.
ރަޝިއާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައިވާ ރޮސްނެފްޓުން މިދިޔަ މަހު ހެދި އެ އެއްބަސްވުމަކީ އެހެން ތެޔޮ ކުންފުންޏެއް ކަމަށްވާ ބަޝްނެފްޓުގެ 50 ޕަސެންޓު ހިއްސާ ގަތުމަށް ހެދި އެއްބަސްވުމެކެވެ.
"އެއީ ރޮސްނެފްޓަށް އިންޒާރު ދީގެން ރިޝްވަތު އަތުލި މައްސަލައެއް. އުލްޔުކަޔެވް ހައްޔަރު ކޮށްފައި ވަނީ ރިޝްވަތު ހޯދި ވަގުތު،" އިންވެސްޓިގޭޓިވް ކޮމިޓީގެ ތަރުޖަމާނު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އުލްޔުކަޔެވްގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް އެ ކޮމިޓީން ބުންޏެވެ. ރިޝްވަތު އަތުލި ކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އުލްޔުކަޔެވްގެ މައްޗަށް އަށް އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.
ރޮސްނެޓުން ވަނީ އެކުންފުނިން ބަޝްނެފްޓުގެ ހިއްސާ ގަނެފައި ވަނީ ރަޝިއާގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް ބުނެފަ އެވެ.
މީގެ ކުރިން 10 އަހަރު ވަންދެން ރަޝިއާގެ ސެންޓްރަލް ބޭންކުގެ ޑެޕިއުޓީ ޗެއާމަންގެ ގޮތުގައި ހުންނެވި އުލްޔުކަޔެވް އިކޮނޮމިކް މިނިސްޓަރަކަށް އައްޔަން ކުރީ 2013 ވަނަ އަހަރެވެ. (ބީބީސީ)