މިއަހަރު ތަސްދީގުކޮށް، އަންނަ އަހަރުގެ ޖުލައި މަހު އަމަލު ކުރަން ފަށާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އަމަލު ކުރާ ޖިނާއީ އިޖުރާއަތުގެ ބިލަށް އަމަލު ކުރަންޖެހޭ މުއްދަތު އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަސްކުރުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މި އަހަރުގެ މެއި މަހުގެ ދެ ވަނަ ތަސްދީގު ކުރި ގާނޫނެކެވެ.

އިޖުރާތުގެ ބިލަށް އަމަލު ކުރަން ފެށުމުން ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްގީގުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.