15 Nov 2016, 11:27
ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން މިއަދު ހަވީރު ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ނުވަތަ ގައުމީ ފުޓްބޯޅަ މުބާރާތް ފަށާނެ އެވެ.
ނިއު އާއި އީގަލްސް ހަވީރު ކުޅޭ އިރު މިރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ އެ މުބާރާތުގައި އަލަށް ވާދަކުރާ ސ. ފޭދޫ ޓީމާ ދެކޮޅަށެވެ.
ގައުމީ މުބާރާތުން ފޭދޫއަށް ޖާގަ ލިބުނީ މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. ފޭދޫގެ އިތުރުން ދެން ގައުމީ މުބާރާތުގައި ވާދަކުރަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން އެންމެފަހުގެ ރަނަރަޕް ނިއު ރޭޑިއަންޓެވެ.
މުބާރާތުގައި ވާދަކުރާ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އެކެއްގައި ހިމެނެނީ ނިއު އާއި އީގަލްސްގެ އިތުރުން ޓީސީއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މާޒިޔާ އާއި ފޭދޫގެ އިތުރުން ޔުނައިޓެޑް ވިކްޓްރީއެވެ.
ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭއިރު ސެމީ ފައިނަލްގެ މެޗުތަށް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ އެވެ. އެރޭ ކުޅޭނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމުގެ މެޗެވެ.
ދެ ވަނަ ސެމީ ފައިނަލުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އެވެ.
ގައުމީ މުބާރާތުގައި މުޅިން އަލަށް މިފަހަރު ތިން ޓުމް ކުޅޭނެއެވެ. އެއީ ފޭދޫގެ އިތުރުން މިއަހަރު އަލަށް އެއްވަނަ ޑިވިޝަނަށް ބަދަލުވި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އެވެ.