އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީގެ ހާއްސަ މަންދޫބަކަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްލަމް މުހައްމަދު ޝާކިރު ހަމަޖައްސަވައިފި އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ އަސްލަމް ޝާކިރު އެ މަގާމަށް ހަމަޖެއްސެވީ ޕާޓީ ހަރުދަނާކޮށް ޕާޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ކަމަށާއި ޕާޓީން ބޭރުގެ ޕަރާތްތަކާ އެކު ހިންގާ ސިޔާސީ މުއާމަލާތްތަކުގެ ކަންތައްތަކުގައި ވެސް އަސްލަމް ހަރަކާތްތެރިވެވަޑައިގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑރ.ޑީޑީ ޕާޓީގެ ކަންކަމުގައި ބިޒީކޮށް އުޅުއްވަން ޖެހިވަޑައިގެންނަވާތީ ޑރ. ޑީޑީގެ މަންދޫބެއްގެ ގޮތުގައި ހަމަޖެއްސެވީ އޭނާގެ ގާބިލްކަމާއި ސްޕެޝަލިޓީ ބޭނުން ކުރުމަށް،" ޝާހު ވިދާޅުވި އެވެ.

އެމްޑީޕީގެ ދިއްގަރު ދާއިރާގެ ރައީސްކަން ވެސް ފުރުއްވަމުން ގެންދަވާ އަސްލަމް ޝާކިރާ އެމަގާމު ހަވާލުކުރުން އޮތީ އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމާގާމު އޭނާއާ ހަވާލުކޮށްދެއްވީ ޑރ. ޑީޑީ އެވެ.