15 Nov 2016, 10:24
ދަ ހޭގް (ނޮވެމްބަރު 14) : އެމެރިކާއިން އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް އެތަށް ފަހަރެއްގެ މަތިން ހިންގާފައިވާ ކަމުގެ ހެކިތައް ފެންނަން ހުރިކަމަށާ މިއީ ތަހްގީގުކޮށް ޝަރީއަތް ނުހިންގައި ދޫކޮށްނުލެވޭވަރުގެ ޖަރީމާތަކެއް ކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބުނެފި އެވެ.
އެ ކޯޓުގެ ޕްރރޮސެކިއުޓަރެއް ކަމަށްވާ ފާތޫ ބިން ސޫދާ ވިދާޅުވީ 2003 އަކާއި 2004 އަކާ ދެމެދު އެމެރިކާ ސިފައިންނާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ އެތައް ހެއްކެތް ޑޮކިއުމެންޓް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަން ތަހްގީގުނުކުރެވޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގަ އެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް ފާތޫ ބިން ސޫދާ ނުދެއްވައެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ ގެދޮރަށް އަރައިގަނެ އަފްޣާން އަންހެނުންނާއި އަންހެން ކުދިން ރޭޕްކުރުމަށްފަހު އެމީހުން މަރާލައި އެމީހުންގެ ހަށިތައް އެންދުންފަދަ ޖަރީމާތައް ހިމެނޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކޮށްފައިވެ އެވެ. އަދި މަރާލާ އަފްޣާން އާންމުންގެ ތެރެއިން ބައެއް މީހުންގެ މަރުވެފައިވާ ހަށިތަކަށް ކުޑަކަމުދިޔުންފަދަ މުޑުދާރު އަމަލުތައްވެސް އެމެރިކާ ސިފައިން ހިންގާކަމުގެ ހެކިތަކާއި އެކަމުގެ ފޮޓޯތައް ވެސް އާންމު ވެފައިވެއެވެ.
އެމެރިކާއިން އިރާގާއި އަފްޣާނިސްތާނާއި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވާހަކަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ދައްކަން ފަށާފައި މި ވަނީ އެކޯޓުން ބަލިކަށި އަދި ފަގީރު ގައުމުތަކުގެ ލީޑަރުންގެ މައްޗަށް ކުރެވޭ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތައް ބަލައި ތަހްގީގު ކުރުމަށް އިސްކަންދީފައި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކާއި ރަޝިޔާ އާއި އިސްރާއިލުފަދަ ބާރުގަދަ ގައުމުތަކުން ހިންގާ ޖަރީމާތައް އަޅާނުލައި ދޫކޮށްލާ ކަމަށް ތުހުމަތުތައް ކުރެވޭ އިރެއްގައެވެ.
ދެ ހާސް ބާރަ ވަނަ އަހަރު އުފެއްދި މިކޯޓު ވުޖޫދަށް އައީވެސް ފަގީރު އަދި ނިކަމެތި ގައުމުތަކުގެ ސޮއި އެކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަން އަށް ލިބިގެންނެވެ. ނަމަވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ވުޖޫދަށް އައުމާ އެކު އެކޯޓުން ފުރަތަމަވެސް ގެންގުޅެންފެށީ ފަގީރު އަދި ކުދި ގައުމުތަކުގެ ލީޑަރުން ހިންގާ ޖަރީމާތަކުގެ މައްސަލަތައް ބެލުމާއި އެމެރިކާފަދަ މުއްސަނދި ބާރުގަދަ ގައުމުތަކުގެ ލީޑަރުން އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިންގާ ޖަރީމާތަކަށް ލޯމަރާލުމުގެ އުސޫލުކަމަށް ކުދި އަދި ފަގީރު ގައުމުތަކުން ދެކެއެވެ. އަދި އެކޯޓުން ބަލަމުންގެންދާ 10 މައްސަލައިގެ ތެރޭން 9 މައްސަލައަކީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންގެ މައްސަލަތަކެވެ. ނަތީޖާއަކަށްވީ އެކޯޓުގެ އަމުރުތަކަށް ކުދި އަދި ފަގީރު ގައުމުތަކާ އަދި ޚާއްސަކޮށް އެފްރިކާގެ ގައުމުތަކުން ބޯނުލެނބުމެވެ.
މިއާއެކު އެފްރިކާގެ ބައެއް ގައުމުތައް މިހާދުދަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާއިން ވަކިވަމުންނެވެ. ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ ބުރުންޑީވެސް ދާދިފަހުންވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބޭއިންސާފުން ކަންކަން ކުރަމުންގެންދާތީ އެކޯޓުގެ މުއާހަދާއިން ވަކިވުމަށް ނިންމާފައެވެ. އަދި އެފްރިކާގެ އެހެން ބައެއް ގައުމުތައްވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢަހަދާއިން ވަކިވުމާމެދު ވިސްނަމުންދާކަން ވަނީ ހާމަކޮށްފަ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ބައިވެރިވާ ގައުމުތައް 60 އަށް ވުރެ މަދުވެއްޖެނަމަ އެކޯޓު އުވިގެންދާނެ އެވެ. (ނޫސްއެޖެންސީތައް)