މޮސްކޯ (ނޮވެމްބަރު 15): އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ފޯނުން ވާހަކަ ދައްކަވާ، ސީރިއާގެ ހަނގުރާމަ އަދި އެމެރިކާ އާއި ރަޝިއާގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާ އިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ފޯނުން ވާހަކަ ދައްކަވަމުން ޓުރަމްޕާއި ޕުޓިން ވަނީ ސީރިއާގެ މައްސަލަ ހައްލު ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި "ބައިނަލްއަގުވާމީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި" ދެބޭފުޅުން އެއް ހިޔާލެއް ގެންގުޅޭ ކަމަށް އެއްބަސްވެފަ އެވެ.

އަދި ރަޝިއާ އާއި އެމެރިކާގެ މެދުގައި ވިޔަފާރި އާއި އިގްތިސާދީ ގުޅުންތައް ވަރުގަދަކޮށްގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރާނެ ގޮތާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރަޝިއާގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޓުރަމްޕާއި ޕުޓިން ވަނީ ދެބޭފުޅުންގެ ބައްދަލުވުމެއް ބޭއްވުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރަޝިއާ އިން ބުނެ އެވެ. އަދި ދެގައުމުން ޑިޕްލޮމެޓިކް ގުޅުންތައް ފެށިތާ 210 އަހަރު އަންނަ އަހަރުވާން ގާތްވެފައި ވުމުން، އޭގެ ސަބަބުން ދެގައުމުގެ މެދުގައި "ދެގައުމަށް ފައިދާ ހުރި، ދުނިޔޭގެ ސަލާމަތްކަމާއި ހަމަޖެހުމަށް މަގުފަހިވާ ފަދަ ގުޅުންތަކެއް ގާއިމު ކުރަން" ހިތްވަރު ލިބޭނެ ކަމަށް ދެބޭފުޅުން އުއްމީދު ކުރައްވާ ކަމަށް ބަޔާނުގައިވެ އެވެ.

ޓުރަމްޕްގެ ޓީމުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޓްރަމްޕް ހުންނެވީ ރަޝިއާ އާއި އެމެރިކާގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރަން ތައްޔާރަށެވެ. (އާރުޓީ)