15 Nov 2016, 09:44
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 26 މެމްބަރުންނަށް ފުރުސަތުދީ ނިމެންދެން ބަޖެޓު ބަހުސް ކުރިއަށް ގެންދަން ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ މެދު މަޖިލިސް މެމްބަރުންގެ މެދުގައި ބަހުސް ކުރަން ފަށާފައި ވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެގެ ޖަލްސާ ވަނީ ރޭ 23:00 އާ ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންނަށް ފުރުސަތުދީ ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމީ ހާޒިރުވި 26 މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ ވޯޓާ އެކު އެވެ.
ބަޖެޓު ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ދެދުވަހުގެ މުއްދަތަކަށެވެ. އެހެން ކަމުން މިއަދު ކުރިއަށްދާ ޖަލްސާއަކީ ބަޖެޓު ބަހުސްގެ ފުރަތަމަ މަރުހަލާގައި ބަހުސް ކުރާ ފަހު ދުވަހެވެ. ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓް ދޭން ނިންމާފައިވާ އިރު ފަހު ފުރުސަތުގައި ކޮންމެ މެމްބަރަކަށް ބަހުސް ކުރަން ހަތް މިނެޓް ދޭން ވަނީ ނިންމާފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ. މިއަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ބާރުއަޅާ ބަޖެޓެއް ކަމަށެވެ.