އުމުރުން އެންމެ 13 އަހަރުން ފެށިގެން ބާސެލޯނާއަށް ކުޅެމުންދާ ލިއޮނަލް މެސީ އެޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދާފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނަން ފަށައިފި އެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މެސީ، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން 2018 އަށް ހަމަވާ އިރު އެ ކްލަބުން އަންނަނީ މެސީ އިތުރަށް އެކްލަބްގައި މަޑުކުރުވުމަށް މަސަތްކަތް ކުރަމުންނެވެ.

ނަމަވެސް ސްޕެއިންގެ ފުޓްބޯޅަ ޚަބަރު ގެނެސްދޭ ނޫސް 'މާސާ' އިން ރިޕޯޓް ކުރި ގޮތުގައި ޖުލައި މަހުން ފެށިގެން ބާސެލޯނާ އިން، މެސީއާއެކު އެއްބަސްވުމަކަށް އައުމަށް މަސަތްކަތް ކުރަމުން އައި ނަމަވެސް އަދިވެސް އެކަމަށް އަލިމަގެއް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

މެސީއާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ރައީސް ޖޯސެފް މަރިއާ ބާޓޮމިއު ވިދާޅުވެފައި ވަނީ މުސްތަގްބަލްގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އޭނާ އަބަދުވެސް މަސަތްކަތް ކުރަނީ މެސީ ހުރީ ދުނިޔޭގެ އެންމެ ރަނގަޅު ކްލަބްގައި ކަމަށް އޭނާއަށް ވިސްނަދެވޭތޯ ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައި މެސީ އަކީ މިވަގުތު ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ބާސެލޯނާގެ ސީނިއާ ޓީމްގައި ހޭދަކުރި 13 ސީޒަނުގައި އެ ޓީމަށް 545 މެޗު ކުޅެދީ 469 ގޯލު ވެސް ކާމިޔާބްކޮށްދީފަ އެވެ. އެއީ ބާސެލޯނާގެ އިތުރުން ސްޕެނިޝް ލީގްގެ ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

މެސީ، ބާސެލޯނާ ދޫކޮށްލާ ނަމަ އޭނާ ދެން ފެނުން އެންމެ ގާތީ އެ ޓީމްގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މިހާރު އިރުޝާދު ދެމުންދާ މެންޗަސްޓާ ސިޓީ އިން ކަމަށް ވެސް މީޑީއާ ރިޕޯޓްތަށް ބުނެ އެވެ.