14 Nov 2016, 23:08
މީހެއްގެ އަބުރާ ބެހެފިނަމަ އެކަމާ ގުޅޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ލިބެނީ މައްސަލަ ރައްދުވާ ފަރާތް ނުވަތަ އޭނާ އައްޔަން ކުރާ ވަކީލަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ކަމަށް ކަނޑައަޅައި އެޓާނީ ޖެނެރަލް އޮފީހުން އުސޫލު ކަނޑައަޅައިފި އެވެ.
"އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން އެކުލަވާލާފައިވާ އުސޫލު މިއަދު ގެޒެޓުގައި އާންމުކޮށްފައިވާއިރު ޝަކުވާ ހުށަހެޅޭނީ ދެފަރާތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޝަކުވާ ހުށަހެޅޭނެ ފަރާތްތައް (ހ)
- އެފަދަ ކޮންޓެންޓެއް ރައްދުވި ފަރާތް ނުވަތަ އެފަރާތެއް ލިޔުމުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލެއް.
- ދައުލަތުގެ ކަމާބެހޭ މުއައްސަސާއަށް.
އެ އުސޫލުގެ ހަވަނަ މާއްދާގައި، ޝަކުވާ ހުށަހެޅޭނީ ވަކި ބަޔަކަށް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް މައްސަލަ ބެލުމަށް ކަނޑައަޅާފައިވާ ދައުލަތުގެ މުއައްސަސާއަށް އިސްވެ މައްސަލަ ބެލުމުގެ ބާރު އުސޫލުން ވަނީ ދީފައެވެ.
ބްރޯޑްކާސްޓިންގް މީޑިއާ ތަކުން މީހެއްގެ އަބުރާ ބެހިގެން އެފަދަ މައްސަލައެއްގެ ޝަކުވާ ހުށަހަޅަން ޖެހެނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށެވެ. އަދި އޮންލައިން ނުވަތަ އެހެންވެސް ވައްތަރެއްގެ މީޑިއާ އަކުން މީހެއްގެ އަބުރާ ބެހެފި ނަމަ އެކަމުގެ މައްސަލަ ބަލާނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހަބަރެއް ޝާއިއުކުރި މީޑިއާއަކުން ނުވަތަ ރިޕޯޓަރެއްގެ މައްސަލަ ހުށަހެޅިގެން ޖޫރިމަނާ ކުރުމުގައި ބަލަންވީ ކަންކަންވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެ މީޑިއާ އަކުން ނުވަތަ ރިޕޯޓަރަކު މާފަށް އެދިފައިވާ ނަމަ އެކަން ބަލަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ޖޫރިމަނާގެ އަދަދު މަދުކުރެވޭނެ ހާލަތްތައް (13 ވަނަ މާއްދާ)
- (ހ) - ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ކޮންޓެންޓާ ގުޅޭގޮތުން އެ މީޑިއާއަކުން ނުވަތަ ރިޕޯޓަރަކު މާފަށް އެދިފައިވާނަމަ އެކަން.
- (ށ) - ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ކޮންޓެންޓް އަނބުރާ ގެނެސްފައިވާނަމަ އެކަން.
- (ނ) - ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ކޮންޓެންޓެއް ހިޔާލު ފާޅުކުރި ހަމަތަކާ ހިލާފު މިންވަރު.
- (ރ) - ހިޔާލު ފާޅުކުރުމުގެ ހަމަތަކާ ހިލާފުވި މީޑިއާއެއް ނުވަތަ ރިޕޯޓަރެއް އެފަދަ ހިލާފުވުމެއް ހިލާފުވެފައިވަނީ ފުރަތަމަ ފަހަރަށް ކަމަށް ވާނަމަ އެކަން.
- (ބ) - ހިޔާލު ފާޅުކުރުމުގެ ހަމަތަކާ ހިލާފުވި މީޑިއާއެއް ނުވަތަ ރިޕޯޓަރެއް އެފަދަ ހިލާފުވުމެއް ހިލާފުވެފައިވަނީ ފުރަތަމަ ފަހަރަށް ކަމަށް ވާނަމަ އެފަދަ ރިޕޯޓެއް ޝާއިއު ކުރި މީޑިއާއެއްގައި އޭނާ އަދާކުރާ މަގާމު.
ވަކި ހާލަތްތަކެއްގައި ޖޫރިމަނާގެ އަދަދު އިތުރު ކުރެވޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން މީޑިއާއަކުން ޝާއިއު ކުރާ ރިޕޯޓެއްގެ ސަބަބުން އެ ރައްދުވާ ފަރާތަށް އަސަރުކުރާ މިންވަރަށް ބެލުމަށް ފަހު އިތުރު ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
އޭގެ އިތުރުން އެ މީޑިއާ ނުވަތަ ރިޕޯޓަރު ތަކުރާރުކޮށް ގާނޫނާ ހިލާފު ވުމާއި، މީޑިއާ ނުވަތަ ރިޕޯޓަރު މުޖުތަމައުން ބަލައިގަންނަ މިންވަރަށް ބަލައި ޖޫރިމަނާގެ އަދަދު އިތުރު ކުރެވޭނެ ކަމަށްވެސް އުސޫލުގައިބުނެފައިވެ އެވެ.
ގެޒެޓުގައި އުސޫލު ޝާއިއުކުރާ ދުވަހުން ފެނިގެން އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭ ފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފި ނަމަ އެ މީޑިއާއެއް 50،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.
އާންމު ނިޒާމާ ހިލާފު ވާހަކައެއް މީޑިއާއަކުން އާންމުކޮށްފިނަމަ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އާންމު ނިޒާމާ ހިލާފު ވާހަކައެއް ފެތުރި ނޫސްވެރިޔަކު 50،000 ރުފިޔާއިން 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.