ގައިދީންނަށް އާއިލާތަކުން ފޮނުވާ އަންނައުނާއި އެހެނިހެން ސާމާނު މާލޭ ރިމާންޑް ސެންޓަރުން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް )ޑީޕީއާރްއެސް( އިން ބުނީ އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް، އެމީހުންގެ އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެއްޗާއި އަންނައުނު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ މާލޭގައި ހުންނަ ރިމާންޑް ސެންޓަރުން ކަމަށެވެ.

ޑީޕީއާރްއެސް އިން އާންމު ކުރި އިޢުލާނެއްގައި ބުނަނީ ގައިދީންގެ އަންނައުނު ރިމާންޑް ސެންޓަރުން ބަލައިގަތް ނަމަވެސް ގައިދީންނަށް އާއިލާއިން ފޮނުވާ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކުރިއެކޭވެސް އެއްގޮތަށް ޑީޕީއާރްއެސްއިން ކަމަށެވެ.

ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ގައިދީންގެ ތަކެތި ރިމާންޑް ސެންޓަރުން ބައިގަންނަން ނިންމެވީ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ކުރިން ވެސް ރިމާންޑް ސެންޓަރުން ޕެރޯލް އިންޓަވިއުތައް ފަދަ ކަންތައްތައް ކުރިއަށް ގެންދާނެ. ރިމާންޑް ސެންޓަރަށް ބަދަލު ކުރީ އެ އެއްޗެހި ޕެކް ކޮށް އަވަހަށް ފޮނުވާލެވޭނެތީ،" ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ދަނާލާ އިންވެގެން ކުރީގެ އެމްއީއެސްގެ ފުރަގަހުން ހުންނަ ރިމާންޑް ސެންޓަރަކީ ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން މާލެ ގެނެސް އަތޮޅުވެއްސަށް ގެންދަން ނުޖެހޭ ގައިދީން ބައިތިއްބަން ހާއްސަކޮށްފައިވާ ތަނެކެވެ.