15 Nov 2016, 08:57
އާއިލީ ގުޅުމަށް އުފާވެރިކަން ގެނެސްދޭ ބޮޑު ޗުއްޓީއެއް ބޯމަތިވަނީ އެވެ. ސްކޫލުތައް ބަންދުވުމާ އެކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް އިންތިހާއަށް އިތުރުވެ އެވެ. ޗުއްޓީ ދުވަސްވަރާ އެކު ކޮންމެ އަހަރަކު ވެސް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވައްކަން އާންމުވުމެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ވަނީ ވައްކަމުގެ 490 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ. ގެތަކުގައި މީހުން ނޫޅޭ ދުވަސްވަރު މިވަނީ ވަގުންނަށް ލިބޭ ފުރުސަތަކަށެވެ.
ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ އެކު އެތައް ވައްކަމެއް ހިނގަ އެވެ. ހާއްސަކޮށް މާލޭގައި ކުރާ ވައްކަންތައް އިތުރެވެ. އެ ވައްކަންތަކުގެ ތެރޭން، ދިރިއުޅުމަށް ހޯދާފައިވާ އަގުބޮޑެތި އެތައް މުދަލެއް ވަގަށް ނަގަ އެވެ. މިއީ އެތައް ބަޔަކު ތަޖުރިބާ ކުރަންޖެހިފައިވާ ކަންކަމެވެ.
"އާންމު ގޮތެއްގައި ވައްކަމުގެ ތެރޭގައި އުޅޭ މީހުން ގަބޫލް ކުރާގޮތުގައި އެމީހުންނަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެމީހުން ދެކޭ، އެހެންވީމާ އިތުރުވާ އިތުރުވުން ފާހަގަވެގެން އެދަނީ،" ހެޑް އޮފް ޖެނެރަލް އިންވެސްޓިގޭޝަން ހެޑް އަހުމަދު ޝާކިރު ވިދާޅުވި އެވެ.
އެފަދަ ވައްކަންތަކުގައި އަގުބޮޑެތި އެތައް މުދަލެއް އެބަ ވަގަށް ގެންދެ އެވެ. ވަގުންނަށް އެ ފުރުސަތު ލިބެނީ އެކަމަށް ހާއްސަ ސަމާލުކަމެއް ނުދެވޭތީ އެވެ. ތަޅު ހަލާނުކޮށްލައިގެނާއި ފެންލައިޓްތަކުން ވަގުން ވަދެ އެވެ. އަދި މީހުން ނޫޅޭކަން ޔަގީންވާ ހާލަތްތަކުގައި ދޮރުތައް ހަލާކުކޮށްގެން ވަދެ އެވެ. އިމާރާތާއި އިންވެގެން ހަދާ އިމާރާތްތަކަކީ ވަގުން އެއް އިމާރާތުން އަނެއް އިމާރާތަށް ވަންނަ މަގަކަށް ހަދަ އެވެ.
"އެބަބަލާ ފެންލައިޓަށް ވަދެވޭ ގޮތަށް ހުރޭތޯ، ނޫނީ ވަކިވައްތަރެއްގެ ތަޅުވީމަ ފަސޭހަ ވެދާނެތޯ ހުޅުވަން، ނުވަތަ އެއީ މީހުންނަށް ނުފެނިކޮށްލެވޭނެ ތަނެއްތޯ ވެސް އެބަބަލާ،" ވަގުންގެ ހަރަކާތްތައް ކިޔައިދެމުން ޝާކިރު ވިދާޅުވި އެވެ.
މުދާ ރައްކާތެރިކުރަން ޖެހޭ!
ޗުއްޓީއަށް ފުރުމުގެ ކުރިން މުދަލުގެ ރައްކާތެރި ކަމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ގެދޮރު ރަނގަޅަށް ތަޅުލައި ބަންދު ކުރަންޖެހެ އެވެ. ވަގުންނަށް އޮތް ހުރިހާ ފުރުސަތެއް ބަންދު ކުރަންޖެހެ އެވެ. މީހުން އުޅޭއިރާ ހިލާފަށް ދޮރުތައް ރަނގަޅަށް ބަންދުކުރެވޭނެ އުސޫލެއް ހަމަޖައްސަންޖެހެ އެވެ. އެއާ އެކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މޮނީޓާ ކުރެވޭނެ އުސޫލުތަކެއް ވެސް ހަމަޖެއްސުން މުހިންމެވެ.
ގޯތިގެދޮރު މޮނީޓާ ކުރަން ރެޕިޑް ރެސްޕޮންސް ސާވިސް ނަމުގައި ހިދުމަތެއް ދެމުން އާދެ އެވެ. މަހަކު 1700 ރުފިޔާގެ ފީއަކަށް ފޯރުކޯށްދޭ އެ ހިދުމަތާ އެކު ކެމެރާ އަޅާއިރު ސެންސަރުތައް ހަރުކުރެ އެވެ. މީހަކު ވަދެ އުޅޭ ނަމަ ފޯނުތަކަށް މެސެޖް ލިބެ އެވެ. ސެކިއުރިޓީ ކުންފުނިތަކުން ވަގުތުން އެގެއަކަށް އައިސް ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެ އެވެ.
"މީހަކު ވަދެ ކަމެއް ކުރަން އުޅޭ ނަމަ މެސެޖް އަންނާނެ، އެއާ އެކު އަޅުގަނޑުމެން އެޓެންޑްވާނެ، ހަމައެއާއެކު ޕޮލިހުންނަށް އެކަން ހުށަހަޅާނެ،" ދިވެހި ސެކިއުރިޓީ ޕައިނިއާސް (ޑީއެސްޕީ)ގެ ޑިރެކްޓާ އަހުމަދު ހެންސަން ވިދާޅުވި އެވެ.
ޒަމާނީ ވަސީލަތްތައް ބޭނުން ނުހިފާ ނަމަ ފުލުހުންގެ އިލްތިމާހަކީ އިތުބާރު ކުރެވޭ މީހަކު ދޭތެރެ ދޭތެރޭން ބަލާގޮތަށް ނަމަވެސް، ގެ ހަވާލުކުރުމެވެ.

"ޗުއްޓީއަށް ގޮސް އަންނައިރު ކަމެއް ހިނގިޔަސް ދެން އިނގޭނީ އައިސް ރިޕޯޓް ކުރީމަ، އެހެންވީމަ މާލޭގައި ހުންނަ ބޭފުޅަކާ ހަވާލު ކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ފުރުސަތު އޮންނާނެ އަވަހަށް އެކަން އިނގުމުގެ، ލަސްވިވަރަކަށް އަޅުގަނޑުމެންނަށް ތަހުގީގުގައި އުނދަގޫތަކެއް ދިމާވާނެ،" ޝާކިރު ވިދާޅުވި އެވެ.
ގެދޮރުގެ އިތުރުން ވެހިކަލްފަދަ ތަކެތި ބަހައްޓާފައި ދާއިރު އެތަކެތީގެ ރައްކާތެރި ކަމަށް ވިސްނަންޖެހެ އެވެ. ސައިކަލް ވަގަށް ނެގުމަކީ މިއަދު ވަރަށް އާންމު ކަމަކަށްވާ އިރު އެކަން ހުއްޓުވުމަށް ރައްކާތެރި ތަނެއްގައި ޕާކް ކުރަންޖެހެ އެވެ. ހަމައެއާ އެކު ޑިސްކް ލޮކް ފަދަ ތަޅުބޭނުންކޮށްގެން ރަނގަޅަށް ތަޅުލަންޖެހެ އެވެ.
ޗުއްޓީއާ އެކު ވައްކަމުގެ މައްސަލަތައް އެތައް ގުނައެއް އިތުރުވަމުންދާތީ ފުލުހުން ދަނީ އެކަމަށް ތައްޔާރީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އާންމުކޮށް ވައްކަން ކުރާކަމަށް ފާހަގަކުރެވިފައިވާ ވަގުތުތަކުގައި، ޕެޓްރޯލް ކުރުމަށާއި ޝައްކުކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމަށް ވަނީ ނިންމާފަ އެވެ.
"ފާހަގަކުރެވޭ ފަރާތްތައް ސަމާލުކަމަށް ގެނެސްފައިވާނެ، އަދި އެ ފަރާތްތައް މާލެ ތެރޭގައި އުޅޭ އުޅުމުގައި ވެސް ބަލައި ފާސްކުރުމާއި އެ މީހަކު ފެނިއްޖެ ނަމަ ސުވާލު ކުރުމާއި އެކަންތައްތައް ކުރެވިގެންދާނެ،" ފުލުހުން ކުރިއަށް ގެންދަން ނިންމާފައިވާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ޝާކިރު ވިދާޅުވި އެވެ.
ޗުއްޓީއަށް ފުރުމުގެ ކުރިން އަގުބޮޑެތި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. އެންމެ އެކަށޭނަ ގޮތަކަށް ގެ ތަޅުލާށެވެ. އަދި ފުރުސަތު އޮތް ނަމަ ބަލަހައްޓާނެ މީހަކާ ހަވާލު ކުރާށެވެ. އުފާވެރި ޗުއްޓީއެއް ހޭދަކުރުމަށް ރައްކާތެރިކަން އިސްކުރާށެވެ.