14 Nov 2016, 21:46
އާންމުކޮށް ފެންނަ ވަރަށްވުރެ ބޮޑު ހަނދެއް މިރޭ ފެންނާނެ ކަމަށް މީގެ ހަފްތާއެއް ކުރިން މީޑިއާ ތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ގިނަ ބަޔަކު މިރެއަށް ތައްޔާރުވި އެވެ. ބޮޑު ހަނދު ބަލާލުމަށެވެ. މިރޭ ފެނުނު ހަނދު އަސްލުވެސް ބޮޑެވެ.
ނާސާއިން ބުނެފައިވަނީ 14 ޕަސެންޓް ބޮޑުކޮށް ހަނދު ފެންނައިރު، ހަނދުގެ އަލިކަން 30 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އިންސައްތައިން ބަލަން ނޭނގުނު ނަމަވެސް އެހެންނޫނީ ފެންނަ ވަރަށްވުރެ ހަނދު ބޮޑެވެ. އަދި ޖައްވުގެ އަލިކަން އެހެން ރޭރެޔާ އަޅައިބަލާއިރު އަލި ގަދައެވެ.
14 ނޮވެމްބަރ 2016: މާލެ އަށް މިރޭ ފެނުނު ރީތި ހަނދު ފޮޓޯ ނަގާ ބެލުމަށް އެތައްބަޔަކު މާލޭގެ އެކި އެކި ހުސްބިން ތަކުގައި: ވޭތުވެދިޔަ 68 އަހަރުގެ ތެރޭގައި ފެނިފައި ނުވާ ވަރުގެ ބޮޑު އަދި އަލިގަދަ ހަނދެއް މިރޭ ދުނިޔެއަށް ފެނުނު---ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިރޭ ފެނުނު ސުޕަރމޫންއަކީ 1948 ވަނައަހަރަށްފަހު އެންމެ ބޮޑުކޮށް ބިމަށް ހަނދު ފެނުނު ފަހަރެވެ. ދެން މިހާ ބޮޑު ހަނދެއް ފެންނާނީ 2034 ވަނަ އަހަރު ކަމަށް ސައިންސްވެރީން ބުނެ އެވެ.
ހަނދު ބަލައިލުމަށް ގިނަ ބަޔަކު މާލޭގެ ބްރިޖް އަޅާ ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވި އެވެ. ހަނދު ފޮޓޯ ނަގައިވެސް ހެދި އެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯ ތަކާއި ކޮމެންޓްތަކުން މިރޭގެ ހަނދު ބަލަން މީހުން ފޯރި ހުރިވަރު ފެނިގެން ދިޔައެވެ.
އެގޮތުން ލޯބިވެރިންނާއެކު ގޮސް ބައެއް ފަރާތްތަކުން ފޭސްބުކްގައި ޗެކިން ވެފައި ވަނީ "މިއައީ ހަނދާ އެކު ހަނދު ބަލާލަން" ކަމަށެވެ. އެހެންވީމަ މިއީ ލޯބިވެރިންނަށްވެސް ވަރަށް ހާއްސަ ރެއެކެވެ. ލޯބިވެރިޔާއާ އެކު ބޮޑުކޮށް ހަނދު ބަލާލަން ލިބުނީމައެވެ. ލޯބިވެރިޔާ ނުލައި ހަނދު ބަލަން ފޫހިވެގެންވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާފައި ހުއްޓެވެ. "އެކަނި ހަނދު ބަލަން ފޫހި" ކަމަށް ބުނެ އެވެ.
ބައެއް ފަރާތްތަކުން ހަނދު ފޮޓޯ ނަގަން ގޮސް ރީތި ފޮޓޯއެއް ނުނެގިގެން ޝަކުވާ ކޮށްފައިވެސް ހުއްޓެވެ. އެއީ ސޯޝަލް މީޑިއާގައި ދައުރުވާ ކަހަލަ ރީތި ހަނދުގެ ފޮޓޯއެއް ނުނެގޭތީ ކަމަށް ބުނެ އެވެ. ބައެއް ފަރާތްތަކުން ލަވައަކުންވެސް ހަނދުގެ ހިތްގައިމުކަން ބަޔާންކޮށްފައި ހުއްޓެވެ.
ސުޕަރމޫންގެ ގޮތުގައި އާދަޔާ ޚިލާފަށް ބޮޑުކޮށް ހަނދު ފެންނަނީ ދުނިޔެ ވަށައި ހަނދު ދަތުރުކުރާ އޯބިޓްގައި ދުނިޔެއާ އެންމެ ބޮޑަށް ގާތަށް ޖެހޭ ދުވަސްވަރު ހަނދުމަހުގެ 14 ވަނަ ރެއާ ދިމާވުމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުވެސް ސްޕަމޫންއެއް ފެނިފައިވެއެވެ. އެއީވެސް މިމަހުގެ 14 ވަނަދުވަހުގެ ރޭ ފެންނާނެ ސްޕަރމޫން އަށްވުރެ ފެންނަ ސައިޒް ކުޑަ އަދި އަލިވެސް ކުޑަ ސްޕަމޫންއެކެވެ.