އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ނެގުމަށް ހުށަހަޅާފައިވާ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު (އޭޑީސީ) ދިވެހީންގެ އަތުން ނަގަން ފާސް ނުކުރާނެ ކަމަށާއި، އެކަމާ މެދު ރައްޔިތުން ކަންބޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އިލްތިމާސްކުރައްވައިފިއެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތައް، ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އިރު، އޭގެ ތެރޭގައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖެއްގެ ގޮތުގައި 25 ޑޮލަރުގެ ޓެކުހެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ދަނީ ސަރުކާރަށް ފާޑު ކިޔައި، އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ މެދު މެމްބަރުން ބަހުސް ކުރުމުގެ މަރުހަލާގައި، ސަރުކާރަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ، އެ ޓެކްސް ނަގާނީ ރައްޔިތުންގެ މަޖިލީހަށް ވަކިން ހުށަހަޅައި، އެ ނެގުމަށް ފާސް ކުރުމުން ކަމަށެވެ.

އެހެން ނަމަވެސް އެފަދަ ޓެކުހެއް ދިވެހީންގެ އަތުން ނެގުމަށް ފާސްކުރާނެ މެމްބަރަކު މަޖިލީހުގައި ނުތިއްބަވާނޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

"އެ ދިވެހީންގެ އަތުން ނަގާކަށް ފާސް ކުރާނެ އެކަކުވެސް މި މަޖިލީހުގައެއް ނެތް. އެއީ ނުވާނެ ކަމެއް. އެކަމާ އެއްވެސް ބޭފުޅަކު ހާސް ވާނެ ކަމެއް ނެތް. މިތަނުގައި އެއްވެސް ބޭފުޅަކު އެޔަކަށް ވޯޓެއް ނުދޭނެ،" ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ އަސްމާ ވިދާޅުވިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހޮނިހިރު ދުވަހު ދައުލަތުގެ ބައެއް ވަޒީރުން ހާޒިރުކުރި އިރު، މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހްމަދު ޒުހޫރު ވިދާޅުވީ، ބަޖެޓު އެކުލަވާލި އިރު ސަރުކާރުން ވިސްނާފައި އޮތީ އެއާޕޯޓު ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން ވެސް ޑިވެލޮޕްމެންޓް ޗާޖެއް ނެގުމަށް ކަމަށެވެ.

"އުސޫލެއްގެ ގޮތުން ނިންމާފައި އޮތީ އެއާޕޯޓު ބޭނުންކުރާ ކޮންމެ މީހަކު ވެސް އޭޑީސީއަށް އެޕްލައި ކުރެވޭނެ މީހެއްގެ ގޮތުން. ނަމަވެސް އެއީ ވަކި ގާނޫނަކުން، ތިޔަ ބޭފުޅުން ނިންމާނެ ކަމެއް: ކޮން ބައެއްގެ އަތުންތޯ ނަގާނީ އަދި ނުނަގާނީ. އިކޮނޮމިކް ކައުންސިލްގެ ޗެއާގެ ގޮތުން ވިސްނުން ހުރީ، ކޮންމެ މީހަކު ވެސް އޭޑީސީ ނެގޭނެ މީހެއްގެ ގޮތުގައި،"

ޒުހޫރު ވިދާޅުވީ، ހަފްތާއަކު 2،000 ވަރަކަށް ދިވެހީން ރާއްޖެއިން ބޭރަށް ފުރައި ހަދާ ކަމަށެވެ. އަދި ގިނައިން ދަތުރުކޮށް އުޅެނީ އެއްބަޔަކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުންނަކީ ވެސް މިއަށް އެޕްލައިވާ ބައެއްތޯ ނިންމާނީ ތިޔަ ބޭފުޅުން. ހުރިހާކަމެއް ދިވެހީންނަށް ސަބްސިޑައިޒް ކުރާނީތޯ ނުވަތަ އެހެން ގޮތަކަށްތޯ، ނިންމާނީ މަޖިލީހުން ތިޔަ ބޭފުޅުން،" ޒުހޫރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ބަޖެޓު ހުށަހެޅުއްވި ދުވަހު ވެސް ވިދާޅުވީ، ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖެއްގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނެގުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ދިވެހީން ވެސް ހިމެނޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ބަޖެޓު ކޮމިޓީގެ މުގައްރިރު އަހްމަދު ނިހާން ހުސައިން މަނިކު ޓުވީޓު ކުރައްވައި ވިދާޅުވީ، ބަޖެޓުގައި އާމްދަނީ އިތުުރުކުރުމަށް އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު ނަގަން ވިސްނާފައި ވަނީ ފަތުރުވެރިންނާއި ބިދޭސީންގެ އަތުން ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ސަރުކާރުން މިވަގުތު ހިންގާ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން އެއާޕޯޓުގެ އުތުރުން ބިން ހިއްކައި، ދެވަނަ ރަންވޭއަކާއި އާ ފިއުލް ފާމެއް އެޅުމާއި، އާ އިންޓަނޭޝާނަލް ޓާމިނަލެއް ހެދުމަށް ނިންމާފައިވެއެވެ.

މި މަޝްރޫއަކީ 800 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވާ ގޮތުގައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ފަށާފައިވާ މަސައްކަތްތައް ނިންމާލެވޭނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.