މިއަހަރުގެ އޮކްޓޫބަރު މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 215 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދައިފިއެވެ.

ކަސްޓަމުން ނެރުނު އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ އޮކްޓޫބަރު މަހު ހޯދާފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.

އެހެން ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރު މަހު ކަސްޓަމްސްއަށް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީގެ އަދަދު އެނގިފައި ނުވާތީ، ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަކީ ކުރިއެރުމެއްތޯ ނުވަތަ ނޫންތޯ އެނގޭކަށް ނެތެވެ.

އޮކްޓޫބަރު މަހުގެ ކުރިން، އެންމެ ފަހުން ކަސްޓަމުން ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ އޯގަސްޓް މަހުގައެވެ. އޯގަސްޓް މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 209.8 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ޖުލައި މަހު ކަސްޓަމަށް ލިބުނީ 196 މިލިޔަނުގެ އާމްދަނީއެކެވެ. ޖޫން މަހު 183.8 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މޭ މަހު 187.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމަށް ލިބުނެވެ.

މީގެ އިތުރުން، އޭޕްރިލް މަހު 209.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމަށް ލިިބިފައި ވެއެވެ. އަދި މާޗު މަހު ލިބުނު އާމްދަނީއަކީ 222.7 މިލިޔަން ރުފިޔާއެވެ.

މިއަހަރު ކަސްޓަމަށް އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީގެ ޓްރެންޑަށް ބަލާ އިރު މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މަހުން މަހަށް އާމްދަނީ ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް ޖުލައި މަހާއި އޯގަސްޓް މަހު އާމްދަނީ މަހުން މަހަށް ވަނީ އުފުލިފައެވެ.