14 Jun 2011, 12:50
މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެތީގެ ދެވިން ސަލާމަތްކޮށް، އެމީހުން އަނބުރާ މުޖްތަމައުއަށް ގެންނަން ބޭނުންވާ ނަމަ، މަސްތުވާތަކެތި ބޭނުންކުރުމަކީ، ކުށްވެރި އަމަލެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އިޖްތިމާއީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ނައިބު ރައީސް ޑޮކްޓަރު މުހައްމަދު ވަހީދު އެދިވަޑައިގެންފި އެވެ.
ނައިބު ރައީސް އެކަމަށް އެދިވަޑައިގަތީ، ރާއްޖޭގައި އިއްޔެ ފެށި "ސައުތު އޭޝިޔާ ރީޖަނަލް ޓްރެއިނިން އޮން ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ފޯ ޓްރީޓްމެންޓް ޕްރޮފެޝަނަލަސް" ވާކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރުމަކީ، އިޖްތިމާއީ މައްސަލަތަކާ ސީދާ ގޮތުން ގުޅުން ހުރި މައްސަލައެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ގައުމުގެ މުއްސަނދިކަން ރައްޔިތުންގެ މެދުގައި ހަމަހަމަ ގޮތެއްގައި ބެހިގެން ނުދިޔުމާއި ފަގީރުކަމާއި ދިރިއުޅުމުގެ ދަތިކަމާއި އިޖްތިމާއީ ގޮތުން އެކަހެރިވުމަކީ މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި ވެސް، މަސްތުވާތަކެތީގެ މައްސަލައަކީ، ކުށުގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިޖްތިމާއީ އަދި ސިއްހީ މައްސަލައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އަންގައިދުނުމަށް ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ގްލޯބަލް ކޮމިޝަން އޮން ޑްރަގް ޕޮލިސީއިން މި ޖޫން މަހު ނެރުނު މުހިންމު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވި އެވެ. އެ ރިޕޯޓުގައި މަސްތުވާތަކެއްޗާ މެދު ސަރުކާރުތަކުން ވިސްނާ ގޮތް ބަދަލުކުރުމަށް ގޮވާލާފައިވާކަން ބަޔާންކުރައްވައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ވަސީލަތްތައް ހަރުދަނާ ކުރުމަށް ގައުމުތަކަށް ލަފާދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި އިއްޔެ އިން ފެށިގެން މިމަހުގެ 22 އަށް ކުރިއަށްދާ އެ ވާކްޝޮޕަކީ، ކޮލަމްބޯ ޕްލޭންގެ އެހީގައި، އެމެރިކާގެ ބިއުރޯ އޮފް އިންޓާނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް އާއި، ޔޫއެންއޯޑީސީއާއި ދިވެހި ސަރުކާރު ގުޅިގެން ބާއްވާ ވާކްޝޮޕެކެވެ.