ވޯލްޑް ކަޕް ކޮލިފައިންގައި، އެސްޓޯނިއާ އަތުން 8-1 ލަނޑުން ބެލްޖިއަމް މޮޅުވި މެޗުގައި އެ ޓީމުގެ އެޓޭކިން މިޑްފީލްޑަރު އެޑެން ހަޒާޑަށް ލިބުނު އަނިޔާއާއެކު، އެންޓޯނިއޯ ކޮންޓޭގެ ޗެލްސީއަށް އަނިޔާގެ މައްސަލަ އިތުރުވެއްޖެއެވެ.

ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން، ބެލްޖިއަމް ޓީމުން އެސްޓޯނިއާ ސައިޒުކޮށްލި އެ މެޗުގައި މޮޅުކުޅުމެއް ދެއްކުމުގެ އިތުރުން ލަނޑެއްވެސް ކާމިޔާބުކުރި ހަޒާޑް ވަނީ، މެޗުގެ 73 ވަނަ މިނިޓްގައި އިންޖަރީގެ ސަބަބުން މެޗު ދޫކޮށް ދަނޑުން ފައިބާން ޖެހިފައެވެ.

ހަޒާޑަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ކަށަވަރު ނުވި ނަމަވެސް، އޭނާއަށް އެ މެޗުގައި އިތުރަށް ނުކުޅެވޭނޭ ކަމަށް ބުނެ ދަނޑުން ފޭބުމުން އެއީ ޗެލްސީއަށް ލިބުނު ވަރަށް ބޮޑު ހާސްކަމެކެވެ. ސަބަބަކީ، ހަޒާޑާއެކު ޗެލްސީގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ، ޑިއެގޯ ކޮސްޓާއަށް ވެސް އަނިޔާގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވުމެވެ.

ގްރޮއިން އިންޖަރީގެ ސަބަބުން، އަންގާރަދުވަހު، އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ކޮސްޓާއަށް ނުކުޅެވޭނެއެވެ.

މި ސީޒަން ފެށުނީއްސުރެ މިހާތަނަށް ވެސް ހަޒާޑާ ކޮސްޓާގެ ފަރާތުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން، މިފަހަރުގެ ބައިނަލްވާމީ މެޗުތަކަށް ޕްރިމިއަރ ލީގު މެޗުތައް މެދު ކަނޑާލިއިރު، ޗެލްސީ ވަނީ، 25 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ.

މިސީޒަންގެ ޕްރިމިއަ ލީގުގައި މިހާތަނަށް 9 ލަނޑު ކާމިޔާބުކޮށްފައިވާ ކޮސްޓާއަކީ، ލީގުގެ ޓޮޕް ސްކޮރަރއެވެ. އަދި ހަޒާޑުވެސް ވަނީ، މިސީޒަންގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއަރ ލީގުގައި ޗެލްސީ ދެން އެންމެ ފުރަތަމަ ކުޅޭ މެޗުގައި، އާދީއްތަ ދުވަހު ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. މިޑްލްސްބަރާގެ ރިވަސައިޑް ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9:00ގައެވެ.