ދިވެހި ސިވިލް ސާވިސް ވަޒީފާއަށް ވަންނަން އެދޭ މީހުންނަކީ މަސައްކަތަށް ބޭނުންވާ ހުނަރު ލިބިފައިވާ، ވަޒީފާއަށް ގާބިލް މީހުންތޯ ބެލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނަގާ އިމްތިހާން ބާއްވައިފިއެވެ.

ސިވިލް ސާރވިސް ޓްރެއިނިން އިންސްޓިޓިއުޓާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ގުޅިގެން ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނަ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެ އިމްތިހާން ބޭއްވި މިއީ ތިން ވަނަ އަހަރެވެ.

ސީއެސްސީން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 14 ސެންޓަރެއްގައި ކުރިއަށްދާ މިއަހަރުގެ އިމްތިހާނުގައި ޖުމްލަ 246 މީހުން އިމްތިހާން ހެދުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެ އިމްތިހާނަކީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ވަކިކަހަލަ ހުނަރުތަކެއް ހުރުން މުހިއްމުކަމެއް ކަމަށް ފެނިގެން އެކަމަށް އެކުލަވާލި މުގައްރަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އިމްތިހާނެކެވެ.

އެ މުގައްރަރުގައި، ސިވިލް ސާވިސްގައި މަސައްކުރުމަށް ބޭނުންވާ ދިވެހިބަހާއި ލިޔުންތެރިކަމުގެ ހުނަރާއި ހެޔޮގޮތުގައި މުއާމަލާތްކޮށް ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތަކާއި އިދާރީ ހިންގުމާއި އެފްޓިޓިއުޑްގެ ހުނަރު ވަޒަންކުރުމުގެ ބައިތައް ހިމަނާފައިވެއެވެ.