ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުގައި ހިމަނާފައިވާ އެކިއެކި އޮފީސްތަކުގެ ބޭނުމަށް ކުރާ ހަރަދުގެ ތެރޭގައި ހިމެނޭ ބައެއް ހަރަދުތައް އުނިކުރުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ލަފާ އަރުވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އޮޑިޓާ ޖެނެރަލް އުނިކުރުމަށް ލަފާ އަރުވާފައިވަނީ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ކުރާ ހަރަދާއި، ދައުލަތަށް ނަގާ ލޯނާގުޅޭ ކަންކަމާއި ކޮންސަލްޓެންސީ ފީ، ހާއްސަ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާތީ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް ކުރާ ހަރަދު ހާއްސަ ބަޖެޓުގައި ހިމެނުމުގެ ބަދަލުގައި ރައީސް އޮފީހުގެ ހަރަދެއްގެ ގޮތުގައި އެ އޮފީހުގެ ބަޖެޓުގައި ހިމެނުމަށްވެސް ލަފާ އަރުވައިފައެވެ.

ދައުލަތުން ނަަގާ ލޯނާ ގުޅޭ އެންމެހާ ކަންކަމަކީ ފިނޭންސް މިނިސްޓްރީގެ މަސްއޫލިއްޔަތަކަށް ވާތީ ލޯނުތަކާގުޅޭ ހަރަދުތައް އެ މިނިސްޓްރީގެ ހަރަދެއްގެ ގޮތުގައި ހިމެނުމަށް ވެސް އޮޑިޓާ ޖެނެރަލް ލަފާއެރުވިއެވެ. އަދި އޭގެ އިތުރުން ކޮންސަލްޓެންސީ ފީގެ ގޮތުގައި ހިމަނާފައިވާ ފައިސާ އެކަމާ ގުޅޭ، ދައުލަތުގެ އިދާރާއެއްގެ ބަޖެޓުގައި ހިމެނުމަށް ވެސް ލަފާ އަރުވާފައިވެ އެވެ.

އަންނަ އަހަރުގެ ހާއްސަ ބަޖެޓުގައި ހިމަނާފައިވާ، އެކިއެކި އޮފީސްތަކުގެ ބޭނުމަށް ކުރާ ހަރަދުގެ ގޮތުގައި 6.99 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތަކުގެ ބަޖެޓުތައްވެސް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ފާސް ކުރުމަށްވެސް ލަފާ އަރުވާފައިވެ އެވެ. އެ ލަފާގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތަކަކީ ގާނޫނީ ގޮތުން ކުންފުނިތަކެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ޝަހުސުތަކެއް ކަމުގައި ވީނަމަވެސް އެތަންތަނުގެ މުވައްޒަފުންގެ މުސާރައާއި ހިންގުމުގެ ހަރަދުތަކުގެ ބޮޑުބައެއް ފޫބައްދަނީ ދައުލަތުގެ ބަޖެޓުން ކަމުގައި ވާތީ އެ ކުންފުނިތަކުގެ ބަޖެޓުތައްވެސް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވައިފައެވެ.

އެފަދަ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުގައި ކެޕިޓަލް އިތުރުކޮށްދިނުމަށް ހިމަނާފައި އޮތުމަކީ ބަޖެޓަރީ އަދި އެކައުންޓިން އުސޫލުތަކުން ސައްހަ މަންޒަރެއް ނޫން ކަމަށްވެސް އޮޑިޓާ ޖެނެރަލް 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އަރުވާފައިވާ ލަފާގައިވެ އެވެ.