ކ. ދިއްފުށީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ހިންގުން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ދިއްފުށީގައި ގާއިމުކޮށްފައިވާ ސޯލާ އެނާޖީ ސިސްޓަމަކީ ޖަޕާނު ސަރުކާރާއި އޭޝިއާން ޑިވެލޮޕްމެންޓް ބޭންކްގެ ހިލޭ އެހީގެ ދަށުން، ގްލޯބަލް ސަސްޓެއިނަބަލް އިލެކްޓްރިސިޓީ ޕާޓްނަޝިޕްގެ ދަށުން ގާއިމުކުރި ސިސްޓަމެކެވެ.

އެ ސިސްޓަމުގެ ދަށުން 40 ކިލޯވަރުގެ ކަރަންޓު އުފެއްދޭނެއެވެ. އެއީ ދުވާލަކު 190 ޔުނިޓުގެ ކަރަންޓެވެ.

އެއީ ދުވާލު ގަޑީގައި އެރަށުގެ އެންމެ މަތީ ލޯޑުގެ 12 ޕަސަންޓެވެ.

ދިއްފުށީގައި ހިންގި ޕްރޮޖެކްޓްތައް -- ފޮޓޯ/ މުހައްމަދު އަފްރާހު

ސޯލާ އެނާޖީ ސިސްޓަމުގެ އިތުރުން، ދިއްފުށީގައި ވަނީ ސޯލާ އެނަޖީ ބޭނުންކޮށްގެން އައިސް އުފައްދާ މެޝިނެއް ވެސް ގާއިމުކޮށްފައެވެ. އެ މެޝިނު މިއަދު ވަނީ ކ. ދިއްފުށި ކައުންސިލާ ހަވާލު ކޮށްފައެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ ދިއްފުށީގައި ގާއިމުކުރި އެ މަޝްރޫއުގެ ކާމިޔާބަކީ، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފައްދާ ޓެކްނޮލޮޖީ ކާމިޔާބުކަމާ އެކު ގާއިމުކުރެވެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

"މި މަޝްރޫއުގެ ކާމިޔާބުކަމަކީ، ރާއްޖޭގައި ހިނގާ ސޯލާ އެނާޖީގެ އެހެން މަޝްރޫއުތަކުގެ ކާމިޔާބީގައި ވެސް ހިއްސާކުރާނެ ކަމެއް،" މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކުން ވެސް އިޔާދަ ނުކުރެވޭ ހަކަތަ ނުވަތަ ފޮސިލް ފިއުލްއަށް ކުރާ ހޭދަ ވަރަށް ބޮޑު ކަމަށެވެ.

"ރާއްޖެއިން ޖީޑީޕީގެ 20 ޕަސަންޓު ހޭދަކުރޭ ފޮސިލް ފިއުލް އިމްޕޯޓުކުރަން. މިއީ ދެމެހެއްޓެނެވި ކަމެއް ނޫން، އަދި އިގްތިސާދަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރޭ،"

އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މަތީން ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަތީން ވިދާޅުވީ މިކަން ހިނގާ ގޮތް ބަދަލުކޮށް، ކަންކަން ރަނގަޅުކުރުމުގެ ގޮތުން އިޔާދަކުރުވަނިވި ހަކަތައް އެނބުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ބޭނުންކުރާ ހަކަތައިގެ 30 ޕަސަންޓަކީ އިޔާދަ ކުރުވަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.