ދިވެހި އެތުލީޓުން ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލައި، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ހިތްވަރުދީފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ދިވެހި އެތުލީޓުންނަށް އެޑްރެސްކޮށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ ރައީސް ލުއިސް މާޓިން ސިޓީއެއް ފޮނުއްވާފައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނިކޮށެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމުމުން ކޮމަންވެލްތު ގޭމްސް އިން ވެސް ރާއްޖެއެއް ނުފެންނާނެ އެވެ.

ސީޖީއެފްގެ ރައީސް މާޓިންގެ ސިޓީގައި ލިޔުއްވާފައިވާ ގޮތުގައި، ތަމްރީންތަކަށް އިސްކަންދީ، ކުޅިވަރުގެ ދާއިރާއިން ކުރިއަށްގޮސް، އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށް ގޮވާލާ ކަމަށާއި ގަދައަޅައި މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއް ވެސް ހާސިލް ކުރެވިދާނެ ކަމަށެވެ.

މާޓިން ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށްވިޔަސް، ކޮންމެވެސް ދުވަހަކުން އެ ނިންމުން ދިވެހި ސަރުކާރުން ބަދަލު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ދިވެހި އެތުލީޓުން ތަމްރީންކޮށް، ފިޓްކޮށް ތިބުމަށް މަސައްކަތްކޮށް، އަދި ރަނގަޅު ސިއްހަތެއްގައި ތިބުމަށް އެދޭ ކަމަށެވެ.

ކޮމަންވެލްތު ގޭމްސް އަކީ ރާއްޖޭން އެކިއެކި ކުޅިވަރުތަކުން ކުރިއެރުމާއި ކާމިޔާބު ހޯދުމަށް ބައިވެރިވަމުންދިޔަ އެންމެ މުހިންމު އެއް ގޭމްސް އެވެ.