އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ކޮލޮމްބޯއާ ގަމާ ދެމެދު ކުރާ ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ އިރު، އެ އިރަށް ވާ އިރަށް ފްލައިޓުތަކަށް ކްލިއަރެންސް ދިނުމުގެ ކަންކަން ކުރުމަށް ތައްޔާރުވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް އިމިގްރޭޝަނުން ދީފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން މިދިޔަ ހަފްތާގައި ވަނީ، ގަން އެއާޕޯޓުގައި ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓުތައް އޮޕަރޭޓު ކުރުމަށް ބޭނުންވާ ބައެއް ނިޒާމުތައް ގާއިމުވެފައި ނެތުމުން، ސްރީލަންކަން އެއާލައިންސްއިން ގަމަށް ދަތުރުތައް ފެށުމުގެ އެވެ.

އެހެން ނަމަވެސް، ބޯޑާ ކްލިއަރެންސްގެ ކަންކަން އިމިގްރޭޝަނުން ކުރުމަށް ތައްޔާރުކަމަށް މިއަދު ބުނުމާ އެކު، ޑިސެމްބަރު އެއްވަނަ ދުވަހު ސްރީލަންކަން އެއާލައިންސްއިން ގަމަށް ދަތުރުކުރެވޭނެ ކަމުގެ އުންމީދު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަމަށް ދަތުރުތައް ފެށުމަށް ޔޫއެލްއިން ތައްޔާރުވަމުންދާކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި، އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން ހަމަޖެއްސުމަށް އެ އިދާރާ އިން އިސްނަގައިގެން، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ފުރިހަމަ ނުވެ އޮތް ސިސްޓަމަކީ ބޯޑާ ކޮންޓްރޯލް ފޯ އެކްސްޕެޓްރިއެޓް ވޯކާސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އޮފް އެއާ ޓްރާންސްޕޯޓު އަބްދުﷲ ރަޝީދު މީގެ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި، ގިނަ ބަޔަކު އެއްފަހަރާ ޝެޑިއުލް ފްލައިޓުތަކުގައި އަންނަ އިރު ކްލިއަރެންސް ދެވޭ ކެޕޭސިޓީ ނެތީ އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަށް ބޯޑަރު ކްލިއަރަންސްގެ ކަންކަން ގަން އެއާޕޯޓުގައި ހަމަޖެއްސުމުގެ ކަންކަން ފަށާފައިވާ ކަމަށެވެ.

"އެހެންކަމުން 01 ޑިސެމްބަރު 2016ގައި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓްކުރާ ޝެޑިއުލް ފުލައިޓުން ދަތުރުކުރައްވާ ދިވެހީންނާއި ފަތުރުވެރީންނަށް އިމިގްރޭޝަން ކުލިއަރަންސް ޚިދުމަތްތައް ދެވޭ ވަރަށް އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް މިފުރުޞަތުގައި ދެން،" އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް، އެ އެއާލައިނުން މީގެ ކުރިން ބުނެފައި ވަނީ، ދަތުރުތަކުގެ މަސައްކަތް މަޑުޖައްސާލުމަށް އެންގި ނަމަވެސް ޑިސެމްބަރު މަހުން ފެށިގެން ފްލައިޓުތައް ފެށޭނެ ކަމަށް ގަބޫލު ކުރަމުން ގެންދާނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ އިރު، މިއަދު އެ ރަސްމިއްޔާތު ބޭއްވުމަށް ކުރިން އޮތީ ރޭވިފައެވެ. ނަމަވެސް، އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތަކާ، ހުރިހާ ކަމެއް އެކުގައި އިފްތިތާހު ކުރުމަށް ނިންމައި، އެ ރަސްމީކޮށް އެއާޕޯޓު ހުޅުވުން ފަސްކުރީ އެވެ.

ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު، ހަފްތާއަކު ފްލައިޓުތައް ދަތުރުކުރާނެ އެވެ.

މިކަމާ ގުޅޭގޮތުން ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖާ އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ޝެޑިއުލް ފްލައިޓުތައް ފަށަން ވާ އިރަށް އެއާޕޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.