14 Nov 2016, 14:27
އަންނަ އަހަރަށް ޝަރުއީ ދާއިރާ އަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓުން މުސާރަ ދެވެން ނެތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރެފައިވާ ޝަރުއީ ދާއިރާގެ ބަޖެޓު ރިޕޯޓުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހަޅާފައި ވަނީ ޝަރުއީ ދާއިރާއިން ހުށަހަޅާފައިވާ އަންދާޒާ ބަޖެޓުން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އުނިކުރުމަށްފަހު ކަމަށެވެ.
ހުރިހާ ކޯޓުތަކާއި ޝަރުއީ ދާއިރާގެ އިދާރާތަކުގެ މަޝްވަރާއާއެކު އަންނަ އަހަރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާނީ، 475 މިލިއަން ރުފިޔާގެ ބަޖެޓް ސީލިންގ އަށް ފެއްތުމަށްފަހުގައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އަންނަ އަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ 475 މިލިއަން ރުފިޔާގެ ސީލިންގ އަކީ ޝަރުއީ ދާއިރާއަށް 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަށްވުރެ ހަ މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓް ސީލިންގ އަށް ޝަރުއީ ދާއިރާއިން ހުށަހަޅާ ބަޖެޓް ފައްތާފައިވާނީ، ފާއިތުވި އަހަރުތަކުގައި ޝަރުއީ ދާއިރާއަށް ފާސްކޮށްދީފައިވާ ބަޖެޓްތަކުގެ ތެރެއިން ކުރެވިފައިވާ ރިކަރެންޓް ޚަރަދުތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަ ކުރެވެން ހުރި ދާއިރާތަކުން ޚަރަދުކުޑަކުރެވޭނޭ ގޮތްތައް ދެނެގަނެ، 2017 ވަނަ އަހަރު ނަތީޖާ ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ދުރާލާ ޕްރޮގްރާމްކުރެވިގެން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު ކޯޓުތަކުގައި މަސައްކަތްކުރައްވަމުންގެންދަވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައްވެސް ހަމަޖެއްސޭ ވަރުގެ ބަޖެޓެއް ނޫންކަމަށެވެ.
އެގޮތުން، މިހާރު ކޯޓުތަކުގައި މަސައްކަތްކުރައްވަމުންގެންދަވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، އަލަށް ގާއިމުކުރި ހައިކޯޓުގެ ސަރަހައްދީ ގޮފިތަކަށާއި، ޖުޑީޝަލް އެކަޑަމީއަށާއި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސިވިލް ކޯޓުގެ މާކެންޓައިލް އެންޑް އެޑްމިރަލްޓީ ޑިވިޝަނަށް ހަމަޖައްސާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 378 މިލިއަން ރުފިޔާ ބޭނުންވާއިރު، ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި ފަނޑިޔާރުންގެ އިންޝުއަރެންސްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޝަރުއީ ދާއިރާގެ އަންދާޒާ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، ފިނޭންސް މިނިސްޓްރީން ހިމަނާފައި ވަނީ 367 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު، އޭރު ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ބަޖެޓް ދީފައި ނުވުމުގެ ސަބަބުން އަހަރުވެސް ތިން މިލިއަން ރުފިޔާގެ ޝޯޓްފޯލްއެއް ޝަރުޢީދާއިރާގެ ބަޖެޓަށް ކުރިމަތިވެފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
"ކަންމިހެން އޮތްއިރު، 2017 ވަނަ އަހަރަށް ބަޖެޓް ސީލިންގ ގެ ތެރެއިން ޝަރުޢިދާއިރާއިން އަންދާޒާކޮށްފައިވާ ބަޖެޓުން ބޮޑުބައެއް އުނިކޮށްފައިވުމުގެ ސަބަބުން ދާއިރާގެ ހިންގުން ހުއްޓުމަކަށް އަންނާނެކަމަށް ދެކެމެވެ. 2016 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންގެ ހެލްތް އިންޝުއަރެންސްގެ ޕްރީމިއަމް ބޮޑުކުރެއްވުމާގުޅިގެން އެކަމަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓްގައި ހިމަނާފައި ނެތުމަކީ، ފަނޑިޔާރުންގެ އިންޝުއަރެންސް ހުއްޓުމަކަށް އަންނާނެ ކަމެއްކަމުގައިވެސް ދެކެމެވެ،" ޑީޖޭއޭ އިން ބުންޏެވެ.