14 Nov 2016, 15:02
ނައިޕީޑޯ (ނޮވެމްބަރު 14): މިޔަންމާގެ ރަހީން ސްޓޭޓުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަވަށްތަކަށް އެގައުމުގެ އަސްކަރިއްޔާ އިން އިއްޔެ ހަމަލާދީ 25 މީހަކު މަރާލައިފި ކަމަށް އަސްކަރިއްޔާ އިން ބުނެފި އެވެ.
މިޔަންމާ އަސްކަރިއްޔާ އިން ހަމަލާ ދީ މަރާލި މީހުން ތިބީ ކަތިވަޅި އާއި ލަކުނޑިގަނޑުތައް ހިފައިގެން ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.
އަސްކަރިއްޔާ އިން އިއްޔެ އެހަމަލާތައް ދީފައި ވަނީ ހޮނިހިރު ދުވަހު ހަމަ އެސަރަހައްދަށް ހެލިކަޕްޓަރުން ހަމަލާތަކެއްދީ ހަ މީހަކު މަރާލި ފަހުންނެވެ. ހޮނިހިރު ދުވަހު އަސްކަރިއްޔާ އިން އެހަމަލާ ދިނީ ރޮހިންޔާ މުސްލިމުންގެ ބަޔަކު ދެ ސިފައިން މަރާލުމުން ކަމަށް އަސްކަރިއްޔާ އިން ބުނެ އެވެ.
މިޔަންމާ އަސްކަރިއްޔާ އިން ރަހީން ސްޓޭޓުގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކީ އެސްޓޭޓުގައި ފިލައިގެން ތިބި ހަނގުރާމަވެރިން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް އަސްކަރިއްޔާ އިން ބުނި ނަމަވެސް، އަސްކަރިއްޔާ އިން ދިން ހަމަލާތަކުގައި މަރުވި ކުޑަކުދިންނާއި އަންހެނުންގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އަދި އެތައް ސަތޭކަ މުސްލިމުންނަށް ވަނީ އެމީހުންގެ އަވަށް ދޫކޮށް ފިލަން މަޖުބޫރު ވެފަ އެވެ.
ނޮބެލް ސުލްހައިގެ އިނާމު ހާސިލު ކޮށްފައިވާ އަންގް ސަން ސޫޗީގެ ސަރުކާރުން ވަނީ ރަހީން ސްޓޭޓުގައި އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް ތަހުގީގު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ދެކޮޅު ހަދާފަ އެވެ.
މިޔަންމާ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރީގައިވާ މިޔަންމާގެ ފުލުހުންގެ ޕޯސްޓުތަކަކަށް މިދިޔަ މަހު، ބަޔަކު ހަމަލާދީ ނުވަ ފުލުހުން މަރާލުމާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މިޔަންމާގެ ފުލުހުން ބުނާ ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފަ އެވެ. (ބީބީސީ)