އިލްހާން އުމަރު އަކީ އެމެރިކާގެ ކޮންގްރެސްގެ މެންބަރުކަން ލިބުނު ބުރުގާއެޅި ފުރަތަމަ އަންހެން ޝަޚްސިއްޔަތެވެ. އިލްހާނަކީ އެމެރިކާގައި މިދިޔަ ހަފްތާގައި ބޭއްވި ކޮންގްރެސްގެ އިންތިޚާބުގައި މިނިސޫޓާ ސްޓޭޓްގެ ފަރާތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރުކަމަށް އިންތިޚާބު ކުރި މުސްލިމް އަންހެނެކެވެ. އޭނާއަކީ އިސްލާމް ދީނުގައިވާ ގޮތަށް ބުރުގާ އަޅާ، އަދި ދީނަށް ލޯބިކުރާ ޒަމާނީ ވިސްނުމުގެ އަންހެނެކެވެ.

އުމުރުން 34 އަހަރުގެ އިލްހާން އަކީ ސޮމާލިޔާއަށް އުފަން އެ ގައުމުގެ ރައްޔިތެކެވެ. އަމިއްލަ ގައުމުގައި (ސޮމާލިޔާގެ ކުރީގެ ރައީސް މުހައްމަދު ސިޔާދު ބަރީގެ ވެރިކަމާ ދެކޮޅަށް 1990 ވަނަ އަހަރު) ހިނގަންފެށި ހަމަނުޖެހުންތަކާ ދާޚިލީ ހަނގުރާމައާ ގުޅިގެން 1991 ގައި އޭނާ އަވަށްޓެރި ކެންޔާއަށް ރެފިއުޖީއެއްގެ ގޮތުގައި އާއިލާއާއެކު ހިޖްރަކޮށް ރެފިއުޖީއެއްގެ ގޮތުގައި ފޭލިގެތަކުގައި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެން ފެށިއެވެ. އޭރު އިލްހާނުގެ އުމުރުން ނުވަ އަހަރެވެ.

އެއަށްފަހު އެމެރިކާއަށް ހިޖްރަކުރުމުގެ ފުރްސަތު ލިބުމުން 1995 ވަނަ އަހަރު އިލްހާން އޭނާގެ އާއިލާއާއެކު އެމެރިކާއަށް ހިޖްރަކުރިއެވެ. އެމެރިކާއަށް ހިޖްރަކުރުމާއެކު އިލްހާނަށް އެންމެ ބޮޑު އުނދަގުލަކަށްވީ އިނގިރޭސި ބަސް ދަސްކުރުމެވެ. ނަމަވެސް އެމެރިކާގެ ސްކޫލަކަށް ވަދެ ދުވަސްކޮޅެއްގައި އުޅުމުން ވަރަށް އަވަހަށް އިނގިރޭސިބަސް ދަސްވިއެވެ.

ސްކޫލްގެ ދުވަސްތަކަށްފަހު ސާނަވީ ނިމުނުން ނޯޓް ޑެކޮޓާ ޔުނިވަރސިޓީއާ ގުޅި އެތަނުން ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން ފަސްޓް ޑިގްރީ އާއި އިންޓަނޭޝަނަލް ޕޮލިޓިކްސް އިން ޕޯސްޓް ގްރޭޖްއޭޓް ހާސިލް ކުރިއެވެ. ތައުލީމީ ސެޓްފިކެޓްތަކާއެކު ލިބުނު ފުރްސަތުތަކުގެ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު އެއް ސިޔާސި ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީއާ ގުޅި އެ ޕާޓީގެ މެންބަރަކަށް އިލްހާންވި އެވެ. ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އިލްހާންގެ ތަރި ވިދާލާގޮތްވީ 2012 ވަނަ އަހަރުއެވެ.

އެއަހަރު އެޕާޓީގެ ފަރާތުން ކޮންގްރެސްގެ މަތިގެކަމަށްވާ ސެނެޓް އަށް ކުރިމަތިލެއްވި ކެންޑިޑޭޓް ކެރީ ޑިޒިޑްޒީކް ގެ ކެންޕޭން މެނޭޖަރަކަށްވެގެން ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. މި މިމަސައްކަތްތައް ކާމިޔާބުވުމާއެކު އެޕާޓީގެ ސިޔާސީ މަގާމުތަކަށް ވާދަކުރެއްވުމުގެ ފުރްސަތު އިލްހާނަށް ތަނަވަސްވެގެން ދިޔައެވެ.

މިގޮތުން ޕާޓީގެ އެތެރޭގެ އެކި މަގާމުތައް އަދާކުރުމުގެ ފުރްސަތު ލިބުމުގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މިނިސޫޓާ ސްޓޭޓްގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރްސަތުވެސް ލިބިގެން ދިޔައެވެ. އަދި މިދިޔަ ހަފްތާގައި ބޭއްވި އިންތިޚާބުގައި އިލްހާން މިހާރުމިވަނީ މިގޮނޑި ކާމިޔާބު ކުރައްވައިގެން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރަކަށް ވެވަޑައިގެންފައެވެ. އެމެރިކާގެ މުޖްތަމައަކީ ނަސްލީ އިމްތިޔާޒުގެ ކަންތައް ވަރަށްބޮޑު މުޖްތަމައެކެވެ.

ކުޑަ ދުވަސްކޮޅަކަށް އެމެރިކާއަށް ޒިޔާރަތްކޮށްލާ ކޮންމެ މީހަކަށް އަދި މިކަން ނޭންގި ހިނގައިދާނެއެވެ. ނަމަވެސް އެމެރިކާގެ މުޖްތަމައަކީ ނަސްލީ އިމްތިޔާޒުގެ ވަކިތައް ވަރަށްބޮޑަށް ހިއްޕާލާފައިވާ އަދި މުސްލިމުންނަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވާ އަދި ސިޔާސީ މަގާމުތަކުގައި ކުރިޔަށް ދިޔުމަށް މުސްލިމުންނަށް އަދި ޚާއްސަކޮށް ބުރުގާ އަޅާ މުސްލިމް އަންހެނުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ މުޖްތަމަޢެކެވެ.

އިލްހާން އުމަރުވެސް ކޮންގްރެސްގެ މެންބަރުކަމާ ހަމައަށްދިޔައީ އެމެރިކާގައިވާ މިދަތިތައް ގިރާނުކޮށެއްނޫނެވެ. ހަރުކަށި ވިސްނުމުގެ ދޮންމީހުންނާއި މުސްލިމުންދެކެ ނަފްރަތުކުރާ އެމެރިކާގެ ހައްދު ފަހަނަޅާފައިވާ މީހުންގެ އުނދަގޫތަކާއި ގޯނާތަކާއި ބިރުދެއްކުންތައް ތަކުރާރުކޮށް އޭނާއަށް ކުރިމަތިވެގެންދިޔައެވެ. ނަމަވެސް ނުބައި މީހުން ތިބޭގޮތަށް އެމެރިކާގެ މުޖްތަމައަކީ ރަނގަނޅު އަދި މެދުމިނުގެ މީހުންވެސް އަދި އިންސާފަށް ލޯބިކުރާ މީހުންވެސް ގިނަ މުޖްތަމައެކެވެ. ކަޅު އަންހެނަކަށްވެފައި އަދި ބުރުގާ އަޅާ މުސްލިމް އަންހެނަކަށް އިލްހާން އުމަރު ވާތީ އޭނާއަށްވަނީ އަނގަބަހުންނާއި ޖިސްމާނީ ގޮތުންވެސް އެތަށްފަހަރަކު އަނިޔާ ލިބިފައެވެ. 2014 ވަނަ އަހަރު ދޮންމީހުންގެ ބަޔަކު ވަނީ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ އެއްވުމެއްގައި އިލްހާން ހަރަކާތްތެރިވަމުން އުޅެނިކޮށް އޭނާގެ ގައިގައި ތަޅައިގެންފައެވެ. އަދި ކަޅުމީހުންނާއި ބުރުގާ އަޅާމީހުންނަށް އެމެރިކާގައި ޖާގަ ނެތް ކަމަށްބުނެ ބަހުގެ ޙަމަލާތައްވެސް އޭނާއަށް އެތަށްފަހަރަކު ރައްދުކޮށްފައިވެއެވެ.

ނަމަވެސް މިހުރިހާ ދަތިތަކެއް ގިރާކުރުމަށްފަހު އިލްހާން ކެތްތެރިކަން އިޚްތިޔާރުކޮށް ހިއްވަރުކުރުމުގެ ނަތީޖާއަކަށްވީ ކޮންގްރެސްގެ މެންބަރަކަށް ވެގެންދިޔުމެވެ. އިލްހާން އަކީ އެމެރިކާގެ ކޮންގްރެސްގެ މެންބަރުކަމަށް އިންތިޚާބު ކުރެވުނު ފުރަތަމަ މުސްލިމް އަންހެން ޝަޚްސިއްޔަތެއްނޫނެވެ. އޭނާގެ ކުރިންވެސް ކޮންގްރެސްގެ މެންބަރުކަމަށް މުސްލިން އަންހެނުން އިންތިޚާބުކޮށްފައިވެއެވެ. ނަމަވެސް އިލްހާނަކީ ކޮންގްރެސްގެ މެންބަރުކަމަށް ބުރުގާއާއެކު އިންތިޚާބު ކުރެވުނު ފުރަތަމަ މުސްލިމް ޝަޚްސިއްޔަތެވެ. މިއީ ފަޚްރުވެރިވުން ހައްގުކަމެކެވެ.

އިލްހާން އެމެރިކާގެ ކޮންގްރެސް އަށް އިންތިޚާބުވުމުން އިސްލާމީ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން އޭނާއަށްވަނީ މަރްހަބާ ކިޔާފައެވެ. އަދި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވިޝްވެސް ވަނީ އޭނާއަށް މަރްހަބާ ވިދާޅުވެފައެވެ. (އަލްޖަޒީރާ)