މަސްވެރިކަމުގެ އާ ޓެކްނޮލޮޖީއެއް ދިރާސާކުރުމަށް މަސްވެރިކަމަށް ނުކުމެ އުޅުނު ފިޝަރީޒް މިނިސްޓަރީގެ ޓީމަކުން ރާއްޖޭގެ ކަނޑުތަކުން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޯވަދިލަ މަހެއް ބާނައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯދަ ފޯމިއުލޭޝަން އޮފް މާސްޓާ ޕްލޭން ފޯ ސަސްޓެއިނެބަލް ފިޝަރީޒް (މަސްޕްލޭން)ގެ ދަށުން މަސްވެރިކަމުގެ އާ ޓެކްނޮލޮޖީއެއް ދިރާސާކުރުމަށް ތުލުސްދޫ ބޭރުގައި ހަރަކާތްތެރިވަމުންދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަކުން މިއަދު ބާނާފައިވަނީ "ޑައިމަންޑްބެކް ސްކުއިޑް" ނަމަކަށް ކިޔާ ބޯވަދިލަ މަހެކެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ ދިރާސާތަކުން ރާއްޖޭގެ ކަނޑުތަކުގައި ޑައިމަންޑްބެކް ސްކުއިޑް އުޅެމުންދާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ބޯވަދިލަމަސް ބޭނުމާއެކު އެ މަހުގެ ފޮޓޯއަކާއެކު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްވެރިކަން ފުޅާކުރުމަށް ދިރާސާކުރުމަށް ކުރާ ދިރާސާއިން ރަނގަޅު ކުރިއެރުމެއް ފެންނަމުންދާ ކަމަށެވެ.

މަސްޕްލޭން ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ބޭނުންވާ މަސްވެރިކަމުގެ ދުރުރާސްތާ ޕްލޭނެއް ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލުމަށް ޖަޕާން ސަރުކާރުގެ ފަންނީ އެހީ ލިބިގެން ތިން އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިއަދު ބޭނި ޑައިމަންޑް ސްކުއިޑް ނުވަތަ ޑައިމަންޑްބެކް ސްކައިޑް އަކީ ޖަޕާނުގެ ކަނޑުތަކުން އާއްމުކޮށް ބާނާ ރާއްޖެ ހިމެނޭ ޓުރޮޕިކަލް އަދި ސަބްޓުރޮޕިކަލް ކަނޑުތަކުގައި އުޅޭ ބޯވަދިލަމަހުގެ ބާވަތަކެވެ. ގާތްގަނޑަކަށް 100 ސެންޓިމީޓަރަށް ބޮޑުވާ، އެ ވައްތަރުގެ ބޯދަދިލަ މަހުގެ އެވްރެޖް ބަރުދަނަކީ 20 ކިލޯގްރުރާމް ނަމަވެސް އެންމެ ބަރު އެއްޗެހީގައި 30 ކިލޯގުރާމް ހުރެއެވެ.