14 Nov 2016, 13:29
ބަލްގޭރިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، އެގައުމުގެ ބޮޑުވަޒީރު ބޮއިކޯ ބޯރިސޮވް ތާއީދުކުރެއްވި ކެންޑިޑޭޓު ނާކާމިޔާބުވެވަޑައިގަތުމުން، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަން ހާމަކޮށްފި އެވެ.
ބަލްގޭރިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ސިޔާސީ ދާއިރާއަށް އަލަށް ވެދެވަޑައިގެންނެވި، އެގައުމުގެ އެއާފޯސްގެ ކުރީގެ ކޮމާންޑަރު ރޫމެން ރަޑެވް އެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 58 ޕަސަންޓު ވޯޓާ އެކުގައެވެ.

ބަލްގޭރިއާގެ ބޮޑުވަޒީރު ބޯރިސޮވް -- ފޮޓޯ/ އޭއެފްޕީ
ނަމަވެސް ބޮޑުވަޒީރު ބޯރިސޮވް ތާއީދުކުރެއްވި ޗެޓްސްކާ ސަޗޭވާއަށް ލިބިވަޑައިގަތީ 35 ޕަސަންޓު ވޯޓެވެ. ޗެޓްސްކާއަކީ ބަލްގޭރިއާގެ ޕާލަމެންޓުގެ ރައީސް ވެސްމެ އެވެ.
ބޮޑުވަޒީރު ބޯރިސޮވް ވިދާޅުވީ، ވެރިކަން ކުރާ ކޯލިޝަނަށް މިހާރު ގައުމުގައި މެޖޯރިޓީ ނެތްކަން، އިންތިޚާބުގެ ނަތީޖާތަކުން ދައްކާ ކަން ހާމަވެއްޖެ ކަމަށެވެ.
"ރައްޔިތުންގެ އެދުންތައް ގަބޫލުކުރަން. އަދި ރައްޔިތުންގެ ތާއީދު ލިބުނު ފަރާތަށް މަރުހަބާ ކިޔަން،" ބޯރިސޮވް ވިދާޅުވި އެވެ.
ބަލްގޭރިއާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރޫމެން ރަޑެވް ވިދާޅުވީ، ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ބަލްގޭރިއާ ދެމި އޮންނާނެ ކަމަށާއި، އަދި ވިލާތާ އެކު މަސައްކަތް ކުރުމަކީ ރަޝިއާއާ ދެކޮޅުވުން ނޫން ކަމަށެވެ.