އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޓުރިވެންޑްރަމާއި ކޮލަމްބޯގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޓުރިވެންޑްރަމާއި ކޮލަމްބޯގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.

ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭ ފޯމް، ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ މަރުކަޒުންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމަލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ޓްރިވެންޑްރަމާއި ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން ވެސް ފޯމު ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ޓުރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަމަށެވެ. ރަޖިސްޓްރީކުރުން އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އާދީއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 4:30 އަށެވެ. އަދި އާދީއްތަ ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

ފޯމު ހުށަހަޅާ އިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ރަޖިސްޓްރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.