14 Jun 2011, 12:02
އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވިއްކުމަށް އަތުގައި ބެހެއްޓި ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ދައުވާ ކުރި ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއް ލަތީފް މުހައްމަދާއި މުނިސިޕަލްޓީ ހާއްސަ ދަފްތަރު ހަސަން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުކުމް އިއްވަވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް މިއަދު ވިދާޅުވީ އަބްދުއްލަތީފާއި ހަސަން އަލީ ޓީ ޖެޓީ އިން ޑިސެމްބަރު 14، 2010 ގައި ހަވާލުވި ]މަސްތުވާތަކެތި ހުރި[ ތިން ފޮށިގަނޑަކީ ޑިސެމްބަރު 12، 2010 ގައި އިންޑިޔާއިން ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ތިން ފޮށިގަނޑުކަން ހެކިބަހުން އެނގޭ ކަމަށެވެ. އެކަމަކު އެ ފޮށިތަކުގައި މަސްތުވާތަކެތި އެތެރެ ވެފައި ވަނީ އަބްދުއްލަތީފާއި ހަސަން އަލީގެ އެނގުމާއި އިލްމުގެ ތެރެއިންކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ގަރީނާއެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ފޮށިގަނޑުތައް ރާއްޖެ ފޮނުވި މީހާ އާއި ނުވަތަ އެ މީހާ އާއި ގުޅުން އޮތް މީހަކާ، އަބްދުއް ލަތީފާއި ހަސަން އަލީ މުއާމަލާތެއް ކޮށްފައި އޮތްކަން ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ވެސް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ބާރީ ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
ހުކުމް އިއްވެވުމުގެ ކުރިން ގާޒީ ވިދާޅުވީ މި މައްސަލައިގައި ފެންނަން ހުރި ހެއްކާއި ގަރީނާތަކަށް ބަލައި އުއްމަތުގެ ހައްގުގައި ދައުވާ ކުރުމުގައި ދައުލަތުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ލިޔުންތަކެއް ހުށަހެޅުމަށް ޝަރީއަތުން ތަކުރާރުކޮށް އެންގުމުން ވެސް އެއީ މައްސަލައާ ނުގުޅޭ ލިޔުންތަކެއް ކަމަށް ބުނެ ދައުލަތުން އެ ތަކެތި ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށާއި އެންމެފަހުން އެ ލިޔުންތައް ހުށަހެޅީ ޝަރީއަތުން އިންޒާރު ދިނުމުން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ލިޔުންތައް ބެލުމުން މައްސަލައާ ގުޅުން ހުރި ކަސްޓަމްސްގެ ދެ މުވައްޒަފެއްގެ ވެސް ބަޔާން އޮތް ކަމަށް ބާރީ ގާޒީ ވިދާޅުވި އެވެ.