ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕްގެ 'ޓްރަމްޕް ޔުނިވާސިޓީ'ގެ ހިޔާނާތުގެ މައްސަލައެއްގެ ޝަރީއަތް ފަސް ކުރުމަށް އެދި ކޯޓަށް ހުޅަހަޅައިފި އެވެ.

ޓްރަމްޕް ޔުނިވާސިޓީގެ ޝަރީއަތް ފަސް ކުރުމަށް އެދި ޓްރަމްޕްގެ ވަކީލު ޑެނިއެލް ޕެޓްރޯސެލީ، ސެންޑިއޭގޯ ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލާގައި އެނާ ވަނީ ޝަރީއަތް ފަސް ކުރުމުން ދެފަރާތުން އެއްބަސްވުމަކަށް އައުމަށް ވަގުތު ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސެންޑިއޭގޯ ޔޫނިއަން ޓްރިބިއުންގައިވާ ގޮތުން ޕެޓްރޯސެލީ ވަނީ އަންނަ އަހަރުގެ ޖެނުއަރީ 20ގައި ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުން، އޭގެ ފަހުން ޝަރީއަތް ބޭއްވުމަށް އެދިވަޑައިގެންފަ އެވެ. އެއީ ވެރިކަމަށް ވަޑައިގަތުމުގެ ކަންތަކަށް އިސްކަން ދެއްވުމަށް ޓްރަމްޕަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ޕެޓްރޯސެލީ ވިދާޅުވެފައިވެ އެވެ.

އެގޮތުން އެޝަރީއަތަށް ޓުރަމްޕް ހާޒިރުވެ ވަޑައިގަތުމުގެ ބަދަލުގައި، އެ މައްސަލާގައި ހިމެނޭ ދެ ފަރާތުން ޓްރަމްޕާ ކުރައްވާ ސުވާލުތަކަށް އޭނާ ދެއްވާ ޖަވާބު ވީޑިއޯ ރިކޯޑިންއެއްގެ ގޮތުގައި ޝަރީއަތަށް ދިނުމަށް ހުއްދަ ދިނުމަށް ވެސް ކޯޓުގެ ފަރާތުން ޕެޓްރޯސެލީ އެދިވަޑައިގެންފައިވެ އެވެ. އެވީޑިއޯ ރިކޯޑު ކުރާނީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކަންތައް ނިމުމުން އޭނާ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނުވަތަ އޭގެ ފަހުން ކަމަށް ޕެޓްރޯސެލީ ފާހަގަ ކުރެއްވި އެވެ.

ޓުރަމްޕް ޔުނިވާސިޓީން ވަނީ އެއީ އެކްރެޑިޓް ކޮށްފައިވާ ސްކޫލެއް ކަމަށް ހީވާ ގޮތަށް ސެމިނާތަކާއި ކްލާސްތައް ބާއްވައި، ކަސްޓަމަރުންނަށް އޮޅުވާލައިގެން އެމީހުން އަތުން 35،000 ޑޮލަރު އަތުލާފައި ކަމަށް ބުނެ އެޔުނިވާސިޓީން ހިދުމަތް ހޯދި ބަޔަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28ގަ އެވެ. (އޭބީސީ)