ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ ހުކުރު ދުވަހުގެ ހުކުރު ހުތުބާ ފުރުގާން މިސްކިތުގައި ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މުފްތީ މެންކާއި ދުނިޔޭގެ ގިނަ އިލްމުވެރިންތަކެއް ރާއްޖެ ގެނެސް ބާއްވާ "އިލްމް ޓޯކް" އިންތިޒާމު ކުރާ ޖަމިއްޔަތު ރަހުމާއިން މުފްތީ މެންކުގެ ހާއްސަ ހުކުރު ހުތުބާ ދިނުމަށް ކުރިން ނިންމާފައި އޮތީ އިސްލާމީ މަރުކަޒުގައެވެ. އެކަމަށް އެ ޖަމިއްޔާއިން އިސްލާމިކް މިނިސްޓްރީގެ ހުއްދައަކަށް ވެސް އެދުނެވެ.

ނަމަވެސް މުފްތީ މެންކު ދެއްވާ ހުތުބާއަކީ އިނގިރޭސި ބަހަކުން ދެއްވާ ހުތުބާއަކަށްވާތީ އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދިނުމުގެ ބަދަލުގައި އެ ހުތުބާ ފުރުގާން މިސްކިތުގައި ދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެ ޖަމިއްޔާއަށް ވަނީ އަންގާފައެވެ.

އެގޮތަށް ނިންމި ސަބަބު މީޑިއާއާ ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އެ މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޕޮލިސީ ބައްދަލުވުމެއްގައި ބޭރު ބަހަކުން ހުކުރު ހުތުބާ ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ބޭރު ބަހުން ހުތުބާ ދިނީމަ ވަރަށް ގިނަ ޝަކުވާތަކެއް ލިބިގެންދިޔަ. ހުކުރު ހުތުބާ އަޑުއަހަން ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ އިނގިރޭސި ބަސް އިނގިވަޑައިގަންނަވާ ބޭފުޅުންނެއް ނޫން. އަދި ހުތުބާއަށް އިސްކަމެއް ދެއްވައިގެން އަޑުއަހާ ބޭފުޅުންނަކީ ދުވަސްވީ ބޭފުޅުން. އިސްލާމީ މަރުކަޒުގައި ދެވޭ ހުތުބާއަކީ މުޅި ރާއްޖެއަށް ލައިވް ކުރެވޭ ހުތުބާއެއް،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުފްތީ މެންކުގެ ހުކުރު ހުތުބާ ފުރުގާން މިސްކިތަށް ބަދަލުކުރީ ޖަމިއްޔަތު ރަހުމާއާ މަޝްވަރާކުރުމަށްފަހު ކަމަށާއި އެ ޖަމިއްޔާގެ އިއުތިރާޒެއްވެސް އެކަމުގައި ނެތް ކަމަށެވެ.

"އަޅުގަނޑަށް ޖަމިއްޔަތުއް ރަހުމާގެ ފަރާތުން ގުޅުއްވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. އެބޭފުޅާ އަކީ އެ ޖަމިއްޔާގެ ފައުންޑާ މެމްބަރެއް. ޑރ. ޝަހީމް ދެންނެވި ފުރުގާން މިސްކިތް ވިޔަސް އެންމެ ރަނގަޅޭ،" މުސްތަފާ ވިދާޅުވިއެވެ.

މުފްތީ މެންކުގެ ހުކުރު ހުތުބާ ފުރުގާން މިސްކިތުގައި ދިނުމަށް ނިންމާފައިވާއިރު، ހުތުބާގެ ދިވެހިބަހުގެ ތަރުޖަމާއެއް ދިނުމަށް އެ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެގޮތަށް މިނިސްޓްރީން އެ ޖަމިއްޔާއަށް އަންގާފައިވަނީ ފުރުގާން މިސްކިތަށް ހުތުބާ އަޑުއަހަންދާ މީހުންނަށް ދިވެހި ތަރުޖަމާގެ ކޮޕީއެއް ބެހުމަށް ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާތީ އާއި ނުބަލާ ހުކުރު ހުތުބާ ނުދިނުމަށް އެ މިނިސްޓްރީން ސާކިއުލާއަކުން މަނާކޮށްފައިވާތީ ކަމަށެވެ.

މުސްތަފާ ވިދާޅުވީ، މުފްތީ މެންކު ދެއްވާ ހުކުރު ހުތުބާގެ ދިވެހި ތަރުޖަމާ ފުރުގާން މިސްކިތަށްދާ މީހުންނަށް އިސްލާމިކް މިނިސްޓްރީން ބަހާނެކަމަށެވެ.

ހުތުބާގެ އިތުރުން އާއްމުންނާ މުހާތަބު ކުރައްވައި މުފްތީ، ދަރުހެއް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަރުސް އިސްލާމީ މަރުކަޒުގައި ދެއްވަން މިނިސްޓްރީން ވަނީ ހުއްދަދީފަ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން، އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި މެންކް ވާހަކަދައްކަވާނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭ ގޮތުންނެވެ.