ހެންވޭރު ދުނބުރި މަގުގައި ހުންނަ، ދިރުހަމް ފިހާރަކުރިމަތީގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ އުމުރުން 18 އަހަރުގެ އެ ޒުވާނާ އައިސީޔޫ އަށް ބަދަލުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ ޒުވާނާ އަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ރޭ 8:50 އެހައިކަންހާއިރު އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 9:00 އެހައިކަންހާއިރު އެވެ.

ައައްފާލް ވިދާޅުވީ އަލަށް ފާސްކުރި ގާނޫނު އޮތްގޮތުން ބަލި މީހާ އަށް ލިބުނު އަނިޔާތަކުގެ މައުލޫމާތު މީޑިއާ އަށް ހަމާކުރެވެން ނެތް ކަމަށެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމާ އެކު ރޭ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ރޭ ވަނީ އޭނާގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި، ޒަޚަމްވި ޒުވާނާ އޭޑީކޭއަށް ގެނައި އިރު، ވާހަކަ ދެއްކި ނަމަވެސް މިހާރު އޭނާއޮތީ ވާގިނެތިފަ އެވެ.

ތޫނު ހަތިޔާރުން ހަމަލާދިނުމުގެ ކަންތައް ހުއްޓިފައިއޮތުމަށް ފަހު އެފަދަ މައްސަލަތައް އަނެއްކާ ވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ.

އެ ޒުވާނާ އަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.