14 Nov 2016, 12:35
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް އިމާރާތް ކުރުމަށް، 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓަރަކްޝަނާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އަދި އެލިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަތޯ އަލީ އެވެ.
އެ ހޮސްޕިޓަލު އެޅުމަށް އެލިއާ އާ ހަވާލުކޮށްފައި ވަނީ 161.8 މިލިއަން ރުފިޔާ އަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލު އެޅުމަށް އާ އިމާރާތެއް ކުރާ ނަމަ އެވަރުގެ ހޮސްޕިޓަލެއް އެޅުމަށް ދާ ހަރަދު ދެގުނަ އަށް ބޮޑުވެގެން ދާނެ ކަމަށެވެ.
އެހެންކަމުން އެ ތަނަކީ އެކަމަށް އެކަށޭނަ ތަނެއްތޯ ބެލުމަށް އިންޖިނީރިން އެސެސްމެންޓެއް ހަދާފައިވާނެ ކަމަށާއި، އެ އެސެސްމެންޓްތަކުގެ ރިޕޯޓުތަކުން އެއްވެސް މައްސަލައެއް ފެނިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަދި އެ ރިޕޯޓަށް އެ ހޮސްޕިޓަލް އެޅުމަށް ލޯނު އެހީ ދޭ ދެ އޭޖެންސީ ކަމަށްވާ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ އެޕްރޫވަލްވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިިޓަލު އަޅާއިރު، އިމާރާތުގެ އެތެރެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ކޮންވެންޝަން ހޯލް ދެބުރި އިމާރާތަކަށް ބަދަލު ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެ ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ އައްޑޫ ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަނީ އެތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ކޮށްފައިވާ ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމަށެވެ.
"ކޮޮންވެންޝަން ސެންޓަރަކީ ބޭނުމެއް ނުކުރެވި ބޭކާރު ގޮތެއްގައި ހުރި ކަމެއް. ކުރީގަ ނަޝީދުގެ ސަރުކާރުން ކޮށްފަަވާ ވަރަށް ބޭކާރު ހަރަދެއް،" މުއިއްޒު ވިދާޅުވި އެވެ.
އަދި އެކަމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް އަމަލެއް ވެސް ހިމެނޭ ކަމަށާއި، ކުރިން ހަދާފައި ހުރި އޮޑިޓް ރިޕޯޓު ތަކުން އެކަން ފެންނަން އެބަ އޮތް ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެތަނުގެ ބޭނުންނުހިފި ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ބެހެއްޓުމުގެ ބަދަލުގައި، އެތަން ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮޮތެއް ހަމަޖެއްސުމަކީ އައްޑޫ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެވަރުގެ ބޮޑު ހޮސްޕިޓަލެއް އަލަށް އަޅާނަމަ ބޮޑު ހަރަދެއް ދާނެ ކަމަށާއި، އެހެން ކަމުން އެތަން ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ހަރަދުގެ ގޮތުން ބަލާނަމަވެސް އެންމެ ރަނގަޅު ގޮތްކަމަށެވެ.