14 Nov 2016, 11:32
ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ރައީސްގެ މުސާރަ ނުނަންގަވާނެ ކަމަށް އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ 45 ވަނަ ރައީސްކަމަށް އިންތިހާބު ވުމަށް ފަހު ޓްރަމްޕް ދެއްވި ފުރަތަމަ ޓީވީ އިންޓަވިއުގައި އޭނާ ވަނީ އެމެރިކާގެ ރައީސްގެ މުސާރައަކީ ކިހާ ވަރެއްކަން ވެސް ނޭނގޭ ކަމަށާއި އޭނާ ވެރިކަން ކުރައްވާ މުއްދަތުގައި އެ މުސާރަ ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެއް ޑޮލަރު ނަގަން ގާނޫނުން ލާޒިމު ކުރާ ހެން. އެހެންވީމާ ކޮންމެ އަހަރަކު އަޅުގަނޑު ނަގާނީ އެއް ޑޮލަރު. އެކަމަކު އަޅުގަނޑަކަށް ނޭނގޭ މުސާރައަކީ ކިހާވަރެއް ކަމެއް،" ސީބީއެސް ނޫހަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްގެ އަހަރީ މުސާރައަކީ 400،000 ޑޮލަރު ކަމަށް ޕްރެޒެންޓަރު ވިދާޅުވުމުން ޓްރަމްޕް ވަނީ މުސާރަ ނުނަންގަވާނެ ކަމަށް ތަކުރާރު ކުރައްވާފަ އެވެ.
ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ މުސާރަ ނުނަންގަވާނެ ކަމަށް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. ޓްރަމްޕް ވަނީ އެއީ އޭނާއަށް "މާބޮޑު ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޓްރަމްޕް ވާނީ ރައީސްގެ މުސާރަ ނުނަންގަވާ އެމެރިކާގެ ތިން ވަނަ ރައީސަށެވެ. މީގެ ކުރިން ހާބަޓް ހޫވާ އާއި ޖޯން އެފް ކެނެޑީ ވަނީ އެ ދެބޭފުޅުންގެ މުސާރަ ޗެރިޓީއަށް ހަދިޔާ ކުރައްވާފަ އެވެ. (ހަފިންޓަންޕޯސްޓް)