14 Nov 2016, 11:04
އަންނަ އަހަރު ޑޮލަރުގެ އަގު 18 ރުފިޔާ އާއި 19 ރުފިޔާއާ ދެމެދަށް އުފުލޭނެކަމަށް ބެލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ދައުލަތައް ލިބޭ އާމްދަނީ އަށްވުރެ ހަރަދުވާ އާމްދަނީ އިތުރުވާނަމަ ޑެފިސިޓް މައްޗަށްދާ ކަމަށާއި އެއާ ގުޅިގެން ޑޮލަރުގެ އަގު އުފުލޭ ކަމަށެވެ.
"މިހާރު ޑޮލަރު މިހުރީ 17 ރުފިޔާއާ 18 ރުފިޔާއާ ދޭތެރޭގަ. މިއީ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާހިސާބަށް ނުދާ ހިސާބެއް. އެހެންވީމަ އަޅުގަނޑުމެން ބަޖެޓް ޑެފިސިޓް ވީވަރަކަށް އަޅުގަނޑުމެންގެ އެތެރޭގަ ދައުރުވާ ފައިސާ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ އަގު އަދިވެސް މައްޗަށް އެރުމަކީ އެކަށީގެންވާ ކަމެއް. މިގޮތަށް ބަޖެޓް ޑެފިސިޓް ވާކަމުގަ ވަންޏާ އަޅުގަނޑު ލަފާކުރާގޮތުގަ އަންނަ އަހަރު 18 ރުފިޔާއާ 19 ރުފިޔާއާ ދެމެދަށް ޑޮލަރުގެ އަގު ދާނެ،" ސަލީމް ވިދާޅުވި އެވެ.
މިއަހަރު ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ، 26.7 ބިލިއަން ރުފިޔާ ބަޖެޓްގެ ގޮތުގައި ދައުލަތުން ހުށަހަޅާއިރު، އާމްދަނީ ލިބޭނެ ކަމަށް ބެލެވެނީ 21.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ބަޖެޓް ޑެފިސިޓްވާނެ ކަމަށާއި އޭގެ ސަބަބުން ޑޮލަރުގެ އަގު އުފުލުމަށް މެދުވެރިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ބޮޑުވާން ޖެހެނީ އިންތިހާއަށް ކޮރަޕްޝަންގެ ކަންތައްތައް ބޮޑުވާން ޖެހުނީމަ،މެމްބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ މިހާރުން މިހާރަށް ވެސް ބަޖެޓްގެ ޑެފިސިޓް ކުޑަކޮށް، އެކަމަށް ހައްލެން ގެންނަންޖެހޭ ކަމަށާއި ނޫންނަމަ ރައްޔިތުންނަށް ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ގެންދާތީ ވެސް އޭގެ ގެއްލުން ބަޖެޓަށް ކުރާނެ ކަމަށެވެ.
"ދައުލަތުގެ ވޭސްޓް ހަރަދުތައް އިންތިހާއަށް ބޮޑުވެގެން ގޮސް ދައުލަތުގެ ދަރަނިވެސް އިތުރުވަނީ. ދައުލަތުގެ ކުންފުނިތަކަށް ބަލާލިކަމުގަ ވިޔަސް ފެންނަނީ ބޭކާރު އެތައް ހަރަދެއް ކުރަމުންގެންދާތަން. މިސާލަކަށް ފެނަކައަށް ބަލާލާއިރުގަ ކަރަންޓުގެ އަގު ބޮޑުވާން ޖެހެނީ އިންތިހާއަށް ކޮރަޕްޝަންގެ ކަންތައްތައް ބޮޑުވާން ޖެހުނީމަ،" ސަލީމް ވިދާޅުވި އެވެ.
"މިސާލަކަށް ފެނަކައަށް ތެޔޮ އެޅުމުގަ މިހާރު މިގެންގުޅޭ އުސޫލުން އެއްވެސް ބިޑުކުރުމެއްނެތި އެހެންގޮތަކަށް ބުނާނަމަ އިއުލާނުކުރުމެއް ނެތި މިދޭދިނުން މިއީ ގާތްގަނޑަކަށް ބުނާނަމަ ފެނަކައިގެ ބަޖެޓުން 200 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވެގެންދާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށާއި ހަރަދުތައް ކުޑަކުރަން ސަރުކާރުން މިހާރަށް ވުރެ ބޮޑަށް އިސްކަންދޭންޖެހޭ ކަމަށެވެ.