ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އޭނާގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އާއި ޗީފް ސްޓްރެޓެޖިސްޓް އައްޔަން ކުރައްވައިފި އެވެ.

ޓްރަމްޕްގެ ޗީފް އޮފް ސްޓާފަކަށް އޭނާ އައްޔަން ކުރެއްވީ ރިޕަބްލިކަން ނެޝަނަލް ކޮމިޓީ (އާރުއެންސީ)ގެ ޗެއާމަން ރައިންސް ޕްރީބަސް އެވެ. އަދި ޗީފް ސްޓްރެޓެޖިސްޓުގެ ގޮތުގައި ހަމަޖެއްސެވީ ބްރެއިޓްބާޓް ނިއުސްގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައި ހުންނެވުމަށް ފަހު ޓްރަމްޕްގެ ކެމްޕެއިން ޗީފްގެ މަގާމަށް ވަޑައިގެންނެވި ސްޓީވެން ބެނަން އެވެ.

"ސްޓީވް އާއި ރައިންސް އަކީ އަޅުގަނޑުމެންގެ ކެމްޕެއިންގައި އެއްކޮށް މަސައްކަތް ކުރައްވާ ތާރީހީ ކާމިޔާބީއަކަށް ގެންގޮސްދެއްވި ދެ ލީޑަރުން. އަދި އެމެރިކާ އަނެއްކާ ވެސް ވަރުގަދަ ކުރުމަށް ޓަކައި އެ ދެ ބޭފުޅުން އަޅުގަނޑާ އެކު ވައިޓް ހައުސްގައި މަސައްކަތް ކުރައްވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ކެމްޕެއިން ތެރޭގައި ރިޕަބްލިކަން ޕާޓީގެ އިސް ވެރިންނާއި ޓްރަމްޕާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕްރީބަސް ވަނީ ދެފަރާތުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާފަ އެވެ. އަދި ޕްރީބަސް އަކީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕޯލް ރަޔާންގެ އަރިސް ބޭފުޅެކެވެ. ޓްރަމްޕްގެ ވެރިކަމެއްގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އަދިވެސް ބައިބައިވެފައިވާ ރިޕަބްލިކަން ޕާޓީ އާއި ޓްރަމްޕާ ގުޅުން ރަނގަޅު ކުރުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ޕްރީބަސް އާއި ބެނަން ވަނީ ޓްރަމްޕަށާއި ގައުމަށް ހިދުމަތް ކުރުމަށް ޓްރަމްޕް ދެއްވި ފުރުސަތަށް އޭނާ އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިމަހުގެ އަށް ވަނަ ދުވަހު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ 20ގަ އެވެ. (ބީބީސީ)