14 Nov 2016, 10:00
މުމްބާއީ (ނޮވެމްބަރު 14): މިދިޔަ ހަފްތާގައި ކުއްލި ގޮތަކަށް އިންޑިއާއިން 500 ރުޕީސް އާއި 1000 ރުޕީސް އުވާލުމާ ގުޅިގެން އޭޓީއެމްތަކުން ފައިސާ ނަގަން ގިނަ ބަޔަކު ކިޔޫ ހަދާފައިވާ ވަގުތެއްގައި އޭޓީއެމްއިން އެއްފަހަރާ ނެގޭ ފައިސާގެ މިންވަރު އިންޑިއާއިން އިތުރުކޮށްފި އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ އޭޓީއެމްތަކުން މިހާރު ކޮންމެ ދުވަހަކު 2500 ރުޕީސް ނެގޭނެ އެވެ. މީގެ ކުރިން އޭޓީއެމްތަކުން އެއްފަހަރާ ނެގެނީ 2000 ރުޕީސް އެވެ. އެމިނިސްޓްރީން ވަނީ އެގައުމުގެ ބޭންކަކުން ހަފްތާއެއް ތެރޭ ނެގޭ ފައިސާގެ މިންވަރުވެސް 20،000 ރުޕީސް އިން 25،000 ރުޕީސްއަށް އިތުރުކޮށްފަ އެވެ.
އިންޑިއާ ސަރުކާރުން އުވާލި ފައިސާ ބަދަލު ކުރުމަށާއި އަލަށް ތައާރަފް ކުރި 500 ރުޕީސް އާއި 2000 ރުޕީސްގެ ނޯޓު ނެގުމަށްޓަކައި އޭޓީއެމްތަކާއި ބޭންކުތަކުގައި ވަނީ ދިގު ކިޔޫތައް ހަދާފަ އެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ފައިސާ ސާކިއުލޭޓު ވާ މިންވަރު މޮނިޓާ ކުރުމަށްޓަކައި ބޭންކުތަކުން ކޮންމެ ދުވަހަކު ފައިސާ ނަގާ މިންވަރާއި ބަދަލު ކުރާ މިންވަރު ކޮންމެ ދުވަހަކު ރިޕޯޓު ކުރުމަށް އެދިފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި 500 ރުޕީސް އާއި 1000 ރުޕީސް އުވާލުމުގެ މަގުސަދަކީ ކަޅު ފައިސާ ދައުރުވުން ހުއްޓުވުމާއި ކޮރަޕްޝަން ނައްތާލުމެވެ. އެދެނޫޓަކީ އިންޑިއާގައި ދައުރުވަމުން ދިޔަ ފައިސާގެ ފަސް ބައިކުޅަ ހަތަރު ބައި ފައިސާ ކަމުން ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތި ލާން ޖެހިފަ އެވެ.
"މިދަތިކަން އޮންނާނީ ހަމައެކަނި 50 ދުވަހަށް. އަޅުގަނޑަށް 50 ދުވަސް ދެއްވާ. ތިރީސް ޑިސެމްބަރަށް ފަހު، އެންމެން އުއްމީދު ކުރާ އިންޑިއާ ފެންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" އިއްޔެ ދެއްވި ތަގުރީރެއްގައި މޯދީ ވިދާޅުވި އެވެ.
މިހާރު އުވާލާފައިވާ ފައިސާ ބަދަލު ކުރަން އިންޑިއާ ރައްޔިތުން ދީފައި ވަނީ މިއަހަރުގެ ޑިސެމްބަރު 30ހާ ހަމައަށެވެ. (ބީބީސީ)