ކަރަންޓްގެ ހިދުމަތާއި މަގުތައް ތަރައްގީ ކުރުމަށް އަވަށްޓެރި ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމަކަށް އިންޑިޔާ އިން 100 މިލިޔަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހުކުން މިއަދު ބުނެފި އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "އިންޑިޔާ އެކްސްޕްރެސް" ބުނާ ގޮތުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ސާކް ގައުމުތަކުގެ މިނިސްޓަރުންގެ ބައްދަލު ވުމަށް ފަހު ސާކް ސަރަހައްދަށް އަމާޒުކޮށް ޑިވެލޮޕްމެންޓް ލޯންތަކެއް ދޭން އިންޑިޔާ ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިޔާގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު އާނަންދު ޝަރުމާ ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެންގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ ލޯންތައް އިތުރު ކުރުމަކީ އަހަރެމެން އުފާވާ ކަމެއް. އެފަދަ ލޯނުތަކަށް އިންޓަރެސްޓް ނަގާނީ ލައިބޯ ]ލަންޑަން އިންޓަ ބޭންކް އޮފާ ރޭޓުން[،" ޝަރުމާ ވިދާޅުވެފައިވެ އެވެ.

ޝަރުމާއާ ހަވާލާދީ ނޫހުގައި ބުނެފައިވާ ގޮތުގައި ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން )ސާކް(ގެ ގައުމުތަކުގައި ހަކަތަ ބޭނުންވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި ހަކަތައިގެ ރައްކާތެރިކަން ހޯދައި ދިނުމަށްޓަކައި ޓްރާންސް ނެޝަނަލް އިލެކްޓްރިސިޓީ ގްރިޑެއް ބިނާކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ސަރަހައްދީ ރޮނގު ހުރަސްކޮށް ކަރަންޓް ވިއްކޭނެ އެންމެހާ ގޮތްތަކާ މެދު ސާކް ސަރަހައްދުގެ ގައުމުތަކުން ވިސްނަން ޖެހޭ،" ޝަރުމާ ވިދާޅުވެފައިވެ އެވެ.
ސަރަހައްދީ ރަނގަޅު އިގުތިސާދެއް ބިނާކުރުމަށް ޓަކައި ސާކްގެ ފްރީ ޓްރޭޑް އެގްރިމެންޓާ އެއްގޮތަށް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މިހާރު ހުރި ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް ޝަރުމާ ގޮވާލެއްވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޓެކްސްޓައިލާއި ފާމަސޫޓިކަލް އިންފްރާސްޓްރަކްޗަރު. އިލެކްޓްރޯނިކްސް، އޮޓޮމޯބައިލްސް އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މިހާރު ހުރި ވިޔަފާރީގެ ހުރަސްތައް ވީހާ އަވަހަކަށް ނައްތާލުމަކީ މުހިއްމުކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.