14 Nov 2016, 10:03
އަންނަ އަހަރަށް ދައުލަތުން ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓް ބަހުސު މިއަދު މަޖިލީހުގައި ފައްޓައި ބަޖެޓް ބަހުސު މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 41 މެންބަރުން ބައިވެރިވެވަޑައިގަން ޖަލްސާގައި މިރޭ 11 ޖަހަންދެން ޖަލްސާ ކުރި އަށް ގެންދިއުމަށް ފާސްކުރީ 30 މެންބަރުން އަޣުލިބިއްޔަރުންނެވެ.
ބަޖެޓް ބަހުސަށް ކަނޑައަޅާފައި ވަނީ ޖުމްލަ ދެ ދުވަހެވެ. އެހެންކަމުން ދެން އޮންނަ ޖަލްސާއެއްގައި ވެސް ކުރިއަށްގެންދާނީ ބަޖެޓް ބަހުސެވެ. ބަޖެޓް ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނިޓްގެ ވަގުތުކޮޅެއް ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވި އެވެ. ފަހު ފުރުސަތުގައި ދޭނީ ހަތް މިނިޓެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ކުޑަވާނެ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން މިއަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ރިކަރަންޓު އެކްސްޕެންޑިޗާ ދަށް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ކުރަން ނިންމީ ލިބޭ އާމްދަނީއާ ކުރާ ހަރަދާ އެއްހަމަ ކުރުމަށް ކަމަށެވެ.