14 Nov 2016, 09:26
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން އިންތިޒާމްކޮށްގެން މި އަހަރު ބާއްވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ގުރުނަގައިފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ފަށާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް ވޮލީ ކޯޓުގައެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ގުރުނެގުން ރޭ ކުރިއަށްދިޔަ އިރު، މުބާރާތުގައި ބައިވެރިވެފައިވާ 16 ޓީމު ހަތަރު ގްރޫޕަކަށް ވަނީ ބަހާލައިފަ އެވެ.
އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ފ. ފީއަލީގެ ފީއަލި ޒުވާނުންގެ ގުޅުމާއި، ހުޅުމާލޭގެ ހުޅުމާލޭ ވިމެންސް ޓީމާއި، މައްޗަންގޮޅީގެ ވިދާތަރި އަދި މައްޗަންގޮޅީގެ ވިދުވަރެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ރ. އިނގުރައިދޫގެ ކާމިޔާބާއި، ލ. މާބައިދޫގެ މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި، އދ. މަހިބަދޫގެ މަހިބަދޫ ސްޕޯޓްސް ކްލަބު އަދި ހުޅުމާލޭގެ ހުޅުމާލޭ ވިމެންސް ސްޕޯޓްސް އެވެ.
'ގްރޫޕް ސީ'ގައި ހިމެނެނީ ލ. ގަމުގެ މާސް އާއި، ޅ. ނައިފަރުގެ ގޯސި އާއި، ފ. ފީއަލީގެ ފީއަލި އެކުވެރި ޒުވާނުންގެ ރޫހު އަދި ހުޅުމާލޭގެ ހުޅުމާލެ ދިރުމެވެ. 'ގްރޫޕް ޑީ'ގައި ހިމެނެނީ ސ. މީދޫގެ ބަށި ހިތްވަރާއި، ތ. އޮމަދޫގެ އުޖާލާ އާއި، ކ. މާފުށީގެ މާފުށި ނިއުސްޓާ އަދި ގަލޮޅުގެ ރަންކަނި އެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 24 ވަނަ ދުވަހު ނިމިގެންދާ އިރު، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެ ވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. ކުއާޓާގެ މެޗުތައް މި މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެލަވަންސެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް އެސްޓީއޯ އިން ނިންމާފައިވާ އިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. މިއީ މެދުކެނޑުމެއްނެތި އެސްޓީއޯ އިން އެ މުބާރާތް ބާއްވާ ފަސް ވަނަ އަހަރެވެ.