14 Nov 2016, 09:37
ނަހުލާގެ އެންމެ ފަހުގެ ފިލްމު "4426" އަކީ ކޯއްޗެއްކަން ބަލާލުމަށް މިދިޔަ އަހަރުން ފެށިގެން ގިނަ ބަޔަކު ދިޔައީ ދިގު އިންތިޒާރެއް ކުރަމުންނެވެ. ނެރެމުންދިޔަ ޓްރެއިލާތަކާއި ޓީޒާތަކުން އިތުރަށް އެ ބަލާލަން ބޭނުންވި މީހުން މަދެއްނޫނެވެ.
އެ އިންތިޒާރުތަކަށް ނިމުމެއްއައީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރުމުންނެވެ. އޭރު ވެސް އެ ފިލްމުގެ ޝޯތަކަށް އާއްމުންގެ ފަރާތުން ދިޔައީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޝޯތައް ދިޔައީ ހައުސްފުލް ވުމުންނެވެ.
ނަމަވެސް އޮލިމްޕަހުގައި ހައުސްފުލް 14 ވަރަކަށް ޝޯ ދެއްކުމަށް ފަހު އޮލިމްޕަހުން އެ ފިލްމު ގެއްލުނެވެ. ފިލްމު ބަލަން އެތައް ބަޔަކު އެދިއެދި ތިއްބައެވެ. އޮލިމްޕަހަށް ފަހު މިހާތަނަށް އެ ފިލްމުވަނީ ރާއްޖޭގެ 20 ރަށެއްގައާއި އަވަށްޓެރި ސްރީލަންކާގައި ހައުސްފުލް ތިން ޝޯ ދައްކާފަ އެވެ.
ފިލްމު ބަލަން މާލޭގައި ވެސް އެތައް ބަޔަކު ތިބި އިރު، ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް އެބައޮތެވެ. ހައުސްފުލް ޝޯތަކަކާއެކު އަނެއްކާ ވެސް "4426" އެނބުރި އޮލިމްޕަހުގައި މިހާރު ވަނީ ދައްކަން ފަށައިފަ އެވެ. މިމަހުގެ 10 ކުން ފެށިގެން ހައުސްފުލް ޝޯތަކެއް ދައްކަމުންދާއިރު، ޓިކެޓް ދަނީ ވިއްކަމުންނެވެ.
ނަހުލާ ބުނި ގޮތުގައި، ސްކޫލެއްގެ ކޮންސެޓަކަށް އޮލިމްޕަސް ބޭނުންކުރުމަށް ފަހު "4426"ގެ ޝޯތަކެއް އޮލިމްޕަހުގައި އަލުން ދައްކަން ފަށާފައިވާ އިރު، މިމަހުގެ 16 އާ ހަމައަށް އޮލިމްޕަސް ހައުސްފުލްވެފައިވާ ކަމަށެވެ. ޓިކެޓް ވިއްކަމުންދަނީ މިމަހުގެ 16 އިން 22ގެ ނިޔަލަށެވެ.
"ހައުސްފުލް ޝޯތަކަކާ އެކު އަނެއްކާ ވެސް ފިލްމު 4426 އެނބުރި އޮލިމްޕަހަށް ގެނެސްފައިމިވަނީ ސްކޫލް ބަންދުވުމާ އެކު އެ ފިލްމު ބަލާލަން އެތައް ބަޔަކު ބޭނުންވާތީ، އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން،" ފިލްމު އެނބުރި އޮލިމްޕަހުގައި އަޅުވާ ސަބަބު ނަހުލާ ބުންޏެވެ.
އޭނާ ބުނީ، ޝޯތަކުގެ ޓިކެޓާ ގުޅޭ މައުލޫމާތު އެ ފިލްމަށް ހާއްސަކޮށްގެން ހަމަޖައްސާފައިވާ ނަންބަރުތަކުންނާއި ވެބްސައިޓުން އަދި ފޭސްބުކް ޕޭޖުން ވެސް ލިބޭނެ ކަމަށެވެ.
މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" އަކީ އޭނާގެ ކުރީގެ ފިލްމު، "ޔޫސުފް"ގެ ރިކޯޑް މުގުރާލުމަށް ހެދި ފިލްމެކެވެ. އަދި އެއީ މިހާތަނަށް ނަހުލާ ކުރި އެންމެ ބުރަ އަދި އެންމެ ބޮޑު ހޭދައެއްކުރި މަސައްކަތްކަމަށް އޭނާ ބުނެ އެވެ.
ނަހުލާއާއެކު އަހުމަދު ޝިނާން ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ މަޝްހޫރު ގިނަ ތަރިންތަކާއި އާ މޫނުތަކެއް ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.
ފިލްމުގެ ތަރިންގެ ތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލާއި މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ.
ނަހުލާ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 20 ރަށެއްގައި ފިލްމު ދައްކަން ހަމަޖެހިފައިވާ ކަމަށާއި އާބާދީ ކުޑަ ރަށްތަކުގައި ތިބި އޭނާގެ ފޭނުންނަށް ވެސް ފިލްމު ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބައެއް ރިސޯޓްތަކުގައި ވެސް ދައްކަމުންދާ ކަމަށް އޭނާ ބުންޏެވެ.
"ބައެއް ކުދި ރަށްތަކުގައި ހައިރާންވާ އަދަދަކަށް ފިލްމު ބަލާފަ އެބަހުރި. ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮތް ރަށްރަށުން 100 މީހުން ފިލްމު އެބަ ބަލާ. ރިސޯޓުތަކުގައި ވެސް ދައްކަމުން މިދަނީ. ރިސޯޓުތަކުގައި ދައްކާ ފިލްމުގައި އިނގިރޭސި ސަބްޓައިޓަލް އަރާނެ. ގެސްޓުން ވެސް އެ ފިލްމު ބަލާ ވަރަށް ރަނގަޅުކަމަށް ބުނެފައި އެބަހުރި،" ނަހުލާ ބުންޏެވެ.
ރާއްޖޭގައި ހުރި މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ނަހުލާ ބުނި ގޮތުގައި، ރިސޯޓުތަކުގައި ފިލްމު ދައްކައިދެނީ 5000 ރުފިޔާއަށެވެ. އަދި އެކަމަށް ވެސް ބޮޑު ތަރުހީބެއްދާ ކަމަށް އޭނާ ބުންޏެވެ.