މާލޭގައި ރޭ ޒުވާނަކަށް ހަމަލާދީޒަހަމްކޮށްލިމައްސަލާގައި 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ 8:50 އެހާކަންހާއިރު އިސްލާމިކް ޔުނިވާސިޓީ ސަރަހައްދުން ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ ހިންގި އެ މާރާމާރީއާ ގުޅިގެން މިހާތަނަށް 20 މީހަކު ހައްޔަރުކޮށް ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މާލޭގައި އަނެއްކާ ވެސް އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. އެގޮތުން ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ތިން މާރާމާރީއެއް ހިންގައި ތިން މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.

އެކަން ހުއްޓުވުމަށް ފުލުހުން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންދާ އިރު ގިނަ އަދަދެއްގެ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ.