14 Nov 2016, 09:16
ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަކީ އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އަށް ވުރެ ބޮޑު ކްލަބެއް ކަމަށް ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ބުނެފި އެވެ.
މި ސީޒަނުގައި ސިޓީއާ ޕެޕް ގާޑިއޯލާ ހަވާލުވުމާ އެކު ބާސާ އިން ޗިލީ ގޯލްކީޕަރު ބްރާވޯ ގެންގޮސްފައި ވަނީ އިނގިރޭސި ގޯލްކީޕަރު ހޯ ހާޓްގެ ބަދަލުގަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާ ދެކޮޅަށް ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑެއް ދައްކާފައިވުމުން ދެ ވަނަ މެޗުގައި ބާސާއާ ދެކޮޅަށް އޭނާ އަށް ކުޅެވޭގޮތް ވެފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި 4-0 ލަނޑުން ސިޓީ ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި 3-1 ލަނޑުން ސިޓީން ވަނީ ބާސާ ބަލިކޮށްފަ އެވެ.
"ފައިސާ އަށް ބަލާނަމަ، ދެެ ޓީމުގައި ތަފާތެއް ނެތް. އެކަމަކު ބާސާ އަކީ ސިޓީ އަށްވުރެ ބޮޑު ކްލަބެއް. ސިޓީއާ ގުޅުމުން ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވޭ. އާއިލާ ބަދަލުކުރުމާއި ވާހަކަ ދައްކަން ޖެހޭ ބަހުގެ ތަފާތުތަކުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު،"ޓީވީއެންއަށް ދިން އިންޓަވިއުއެއްގައި ބްރާވޯ ބުންޏެވެ.
ކުރިން ބާސާގައި މުހިންމު ދައުރެއް އަދާކުރި ބްރާވޯ ވަނީ ސިޓީ އަށް އިރުޝާދުދެމުންދާ ގާޑިއޯލާ އަށް ތައުރީފްކޮށްފަ އެވެ. ކުރިން ބާސާ އާއި ޖަރުމަންގެ ބަޔާން މިއުނިކަށް އިރުޝާދުދިން ކޯޗު ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށް ބްރާވޯ ސިފަކުރެ އެވެ.