ދިގު މުއްދަތަކަށް ބަލާއިރު ލިބޭނެ ދެމެހެއްޓެނެވި ފައިދާއަށް ބަލާ އިރު، ސަރުކާރުން މިހާރު ފަށާފައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ، ހިންގުމަށް ރަނގަޅު މަޝްރޫއެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އެޅުމަށް ސަރުކާރުން، ބީލަމަކާ ނުލައި، ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޗެންގް ހުއާ ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ އިމާރާތުގެ ޖުމްލަ އަގަކީ 140 މިލިޔަން ޑޮލަރު ނުވަތަ 2.1 ބިލިޔަން ރުފިޔާ އެވެ. އެ އަގުގެ ތެރެއިން 10 ޕަސަންޓަށްވާ ފައިސާ، ި ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެއީ 14 މިލިޔަން ޑޮލަރު ނުވަތަ 215.88 މިލިޔަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ރޭ ކުރެއްވި ސުވާލަކާ ގުޅިގެން ޑރ. އަޒީމާ ވިދާޅުވީ އައިޖީއެމްއެޗް މަޝްރޫއަށް ހޭދަ ކުރަންޖެހޭނެ ޚަރަދާއި، އޭގެ ސަބަބުން ފޮރިން ކަރަންސީއަށް އަންނާނެ ބަދަލުތައް ބަލަން ޖެހޭނެކަން ސަރުކާރަށް ދަންނަވާފައި ވާނެ ކަމަށެވެ.

އަޒީމާ ވިދާޅުވީ، ދިގު މުއްދަތަކަށް ބަލާ އިރު، އެފަދަ މަޝްރޫއަކުން ރާއްޖޭގެ ސިއްހީ ނިޒާމަށް ގިނަ ރަނގަޅު ޚިދުމަތްތަކެއް ލިބި، ފައިދާތަކެއް ކުރާނެ ނަމަ އެއީ ހިންގުމަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ.

އޮގަސްޓް 10، 2016: އައިޖީއެމް އެޗްގައި އަލައް އިމާރަތް ކުރާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރާ ސަރަހައްދު--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިއެއް ނޫން ކަންނޭނގެ އަޅުގަނޑުގެ ފަރާތުން އެކްސްޕެކްޓް ކުރައްވާ ޖަވާބަކީ. އެކަމަކު އަޅުގަނޑަށް ދެންނެވޭނީ މީގައި މުހިންމު ކަމަކީ މަޝްރޫޢު ހިންގުމުގެ ބަދަލުގައި، އޭގެން އެކަށީގެންވާ ފައިދާއެއް ނެގޭތޯ [ބެލުމަކީ މުހިންމު ކަމަކީ]،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ފައިދާ ރަނގަޅު ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން އޮތިއްޔާ، ދައުލަތުގެ ބަޖެޓާއި ދައުލަތުގެ ރަސްމީ ރިޒާވުން ވެސް ޚަރަދުކޮށްގެން މިކަންކަން ހިންގުން ރަނގަޅެވެ.

އާސަންދައިގެ ގޮތުގައި ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހޭކަން ފާހަގަ ކުރައްވަމުން ޑރ. އަޒީމާ ވިދާޅުވީ، ކުދިކުދި އޮޕަރޭޝަންތައް ކުރުމަށް ވެސް ރާއްޖެ އިން ބޭރަށް އާސަންދައިގެ ދަށުން ފޮނުވަންޖެހިފައިވާ ކަމަށާއި، ނަމަވެސް އެކަންކަން ރާޢްޖޭގައި ފުރިހަމަ ކުރެވޭ ނަމަ، އައިޖީއެމްއެޗްގެ ބޮޑު މަޝްރޫއު ހިންގުމަކީ ހަމަޖެހޭ ކަމެއް ކަމަށެވެ.

ޖޫން 5، 2016: އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެންމެ ބޮޑަށް އަންނަ ކަމަކީ، ރާއްޖެ އިން ވެސް ލިބޭ ފަރުވާތަކަށް ބޭރުން ފަރުވާ ލިބިގަތުން. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާ ވެސް އެކީގައި އައިޖީއެމްއެޗްގެ ބިލްޑިންގްއެއް، އަދި އެތަނަށް ބޭނުންވާ އިކުއިޕްމެންޓް ހޯދަން މަސައްކަތް ފަށާފައި ވަނީ،"

އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން، އައިޖީއެމްއެޗުގެ އިމާރާތް އެޅުމަށް ބޭރުގެ ލޯނުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިމާރާތަށް ބޭނުންވާ އިކުއިޕްމެންޓްސް ހޯދުމަށް ބޭރުގެ ލޯނު އެހީގެ ގޮތުގައި 74 މިލިޔަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވެ އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގައި ހަ ފަންގިފިލާއެއްގައި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ގާއިމުކުރާ އިރު، ޑޮކްޓަރަށް ދެއްކުމާއި ބައެއް ތަހުލީލުތައް ހެދުމުގެ ޚިދުމަތްތައް ވެސް އެ އިމާރާތަށް ބަދަލުކުރާނެ އެވެ. މީގެ އިތުރުން ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމަކާއި ރީހެބް ސުއިޓެއްގެ އިތުރުން ޕްރައިވެޓް އެކޮމޮޑޭޝަނަށް ފަސް ފަންގިފިލާއެއް އެތަނުގައި ހުންނާނެ އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް، 2018 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި، އެތަނުގެ ބޭނުން ކުރެވެން ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.