14 Nov 2016, 00:25
ނިއު ޒީލޭންޑަށް އާދީއްތަ ދުވަހު އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެ ކާރިސާގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފިއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނީ، ނިއު ޒީލެންޑަށް ބިންހެލުން އައީ އެގަމަށް ދަންވަރު (11:02 ޖީއެމްޓީ، އާދީއްތަ)، ސައުތު އައިލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކްރިސްޓްޗަރޗްއާ 95 ކިލޯމީޓަރު ދުރަށް ކަމަށެވެ.
ނިއު ޒީލެންޑަށް 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އިމާރާތަކަށް ގެއްލުން ލިބިފައި -- ފޮޓޯ: އޭޕީ
ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖޯން ކީ ވިދާޅުވީ، ހޯމަ ދުވަހު ހެނދުނު އެ ގައުމުގެ ނޯތު ކެންޓަބަރީއަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް ދެމީހަކު މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން މަރުވި ދެމީހުންގެ ތެރޭން އެކަކު މަރުވެފައިވަނީ، ސައުތު އައިލޭންޑްގެ އިރުމަތީ އައްސޭރިފަށުގެ ޓައުނެއް ކަމަށްވާ ކައިކޫރާގައި ވެއްޓުނު އިމާރާތެއްގެ ދަށުވެގެންނެވެ. އަދި އަނެއް މީހާ މަރުވެފައި ވަނީ، މައުންޓް ލިފޮރޑްގައި އެއްޗެއްގެ ދަށުވެގެންނެވެ.

ނިއު ޒީލެންޑަށް 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީ އިންޒާރު ދީފައި -- ފޮޓޯ: އޭޕީ
ބިންހެލުމާ ގުޅިގެން ނިއު ޒީލޭންޑުގެ އައްސޭރިފަށުގެ ހުރިހާ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ދީފައިވީ ނަމަވެސް ފަހުން ވަނީ، އިންޒާރު ދަށްކޮށްފައެވެ. އަދި ބިންހެލުން އައިތާ ދެގަޑިއިރެއްހާ ފަހުން، ނިއު ޒީލެންޑުގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ގާތްގަނޑަކަށް އަށް ފޫޓު އުސްމިނުގެ ރާޅުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު ޒީލެންޑަށް 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން އެގައުމުގެ މަގެއް ހަލާކުވެފައި -- ފޮޓޯ: އޭޕީ
ބޮޑުވަޒީރު ޖޯން ކީ ވިދާޅުވީ، ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް ލިބުނު ގެއްލުންތައް ބެލުމަށްޓަކައި މިހާރު އެ ސަރަހައްދަށް އަސްކަރީ ހެލިކޮޕްޓުތައް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކައިކޫރާ ސަރަހައްދު ހިމެނެއެވެ.

ނިއު ޒީލެންޑަށް އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދު --