13 Nov 2016, 22:50
ރާއްޖޭގައި އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ހާމަކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭގެ އިސްވެރިން މިރޭ ހާޒިރުކުރި އިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ، އިންކަމް ޓެކްސްއާ ގުޅޭ ސުވާލު ގިނަ ބަޔަކު ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން، އެ ޓެކްސް އަންނަ އަހަރު ނެގުމަށް ނިންމާފައިވޭތޯ ސުވާލު ކުރައްވައިފައެވެ.
ޖަމީލްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އަޒީމާ ވިދާޅުވީ، އިންކަމް ޓެކްސްއާ ގުޅޭގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް އަމިއްލަފުޅަށް ދެކެވަޑައިގަންނަވާ ގޮތުގައި، އިންކަމް ޓެކްސްއަކީ ނަގަން ޖެހޭ އެއްޗެއް ކަމަށް ޑރ. އަޒީމާ ވިދާޅުވިއެވެ.
ޑރ. އަޒީމާ ވިދާޅުވީ، ރާއްޖޭގައި ފަރުދުންގެ މެދުގައި އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އިންކަމް ޓެކްސްއާ ބެހޭގޮތުން އަޅުގަނޑުގެ ޕާސަނަލް ވިއުއެއް ދަންނަވަން ޖެހޭނީ. އިންކަމް ޓެކްސްއަކީ ނަގަން ޖެހޭ އެއްޗެއް. ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އާމްދަނީގެ އިންއީކުއަލިޓީ ކުޑަ ކުރެވޭނީ ރަނގަޅު ނިޒާމެއްގެ ތެރެއިން އިންކަމް ޓެކްސް ނެގިގެން،" ޑރ. އަޒީމާ ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި ޓެކްސްގެ ނިޒާމު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި، އެއަށް ބިނާކޮށް ޓެކްސް ނެގުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް، އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ވިއްޔާ، އެކަމުގެ މަސައްކަތާއި ވާހަކަތައް ދައްކަން ޖެހޭނީ މި ދަނޑިވަޅުގައި ނޫން ކަމަށާއި، އެއީ ދުރާލައި ރާވައިގެން ކުރަންޖެހޭ ކަމެއް ކަމަށް ޑރ. އަޒީމާ ވިދާޅުވިއެވެ.
"އަންނަ އަހަރު ކުރަންޏާ، މިއަހަރު ކުއްލިއަކަށް މިހާ ހިސާބަށް އައިމަ އަންނަންޖެހޭ އެއްޗެއް ނޫން މިއީ. އެބަ ޖެހޭ ކޮން އިރަކުތޯ އެ ނަގަން ފަށާނީ، އަދި ނަގާ އިރު އެއަށް އެކަށީގެންވާ ނިޒާމަކީ ކޮބައިތޯ ދުރާލައި ބަލަން،"
ޑރ. އަޒީމާ ވިދާޅުވީ، ޓެކްސް ނެގުމުގެ މަސައްކަތް ކުރަން ޖެހޭނީ ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ކަމުން، އިންކަމް ޓެކްސް ވެސް ނަގާ އިރު އެކަމުގެ މައުލޫމާތާއި ހޭލުންތެރިކަން ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ނަގާ ޓެކްސްތަކުގެ ތެރޭގައި ޖީއެސްޓީ، ޓުއަރިޒަމް ޖީއެސްޓީ، ބިޒްނަސް ޕްރޮފިޓް ޓެކްސް، ރެމިޓޭންސް ޓެކްސް އަދި ގްރީން ޓެކްސް ހިމެނެއެވެ. އެހެން ނަމަވެސް އިންކަމް ޓެކްސްއެއް ނުނަގައެވެ.