މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިރޭ 8:50 ހާއިރު އިސްލާމިކް ޔުނިވާސިޓީ ސަރަހައްދުން ތޫނުއެއްޗަކުން ފިރިހެނަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގާފައި ވަނީ، ހ. ދުނބުރި މަގުގައި ހުންނަ، ދިރުހަމް ފިހާރަކުރިމަތީގައެވެ.

އެ ހަމަލާގައި އަނިޔާ ލިބުނު މީހާ އަށް އޭޑީކޭ ހޮސްޕިޓަލް ގައި އަންނަނީ ފަރުވާދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ސަން އަށް ވިދާޅުވީ އުމުރުން 18 އަހަރުގެ އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައީ މިރޭ 9:00 އެހައިކަންހާއިރު ކަމަށެވެ.

އައްފާލް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގައި އޭނާ އަށް ފަރުވާދެމުން އަންނަ ކަމަށާއި އެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި، ޒަޚަމްވި ޒުވާނާ އޭޑީކޭއަށް ގެނައިއިރު، ވާހަކަދެއްކި ނަމަވެސް މިހާރު އޭނާއޮތީ ވާގިނެތިފައެވެ.

"ހޮސްޕިޓަލަށް ވެއްދިއިރު، ވާހަކަދައްކާ. އެކަމަކު މިހާރު އޮތީ ޕެރަލައިޒް ވެފައި. އޭނާއަކަށް ވާހަކައެއް ވެސް ނުދެއްކޭ،" ސަންއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.