13 Nov 2016, 21:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ގައުމެއް ބިނާކުރުމުގެ ހިތްވަރާއި ގަޓު ހުރި ބޭފުޅެއް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީއޭއިން 2013 ވަނަ އަހަރު ރައީސް ޔާމީނާ އެކު ކޯލިޝަން ހެދީ، ގައުމެއް ބިނާކުރުމުގެ ހިތްވަރާއި ގަޓު އެމަނިކުިފާނުގެ ކިބައިގައި ހުރުމުން ކަމަށެވެ.
މައުރޫފް ވިދާޅުވީ، 2018ގައި ރައީސް ޔާމީނަށް 80 ޕަސަންޓު ވޯޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ގައުމުގެ ހައްގުގަޔާއި ދީނުގެ ހައްގުގައި ރައީސް ޔާމީނަށް 2018 ހޯއްދަވައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުރާކުނުން ފެށިގެން މާލެއާ ހިސާބަށް އިރާދަފުޅު ކުރެއްވިއްޔާ ތިބޭފުޅާއަށް 80 ޕަސަންޓު ވޯޓު ހޯދައިދޭނަން އަޅުގަނޑުމެން. މި އަޒުމުގަ މިތިބީ،" މައުރޫފު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އިތުރަށް ނުވިސްނައި 2018 މަތިން ހަނދާން ނައްތާލުމަށް މައުރޫފް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދި ވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.